ސްޓެލްކޯގެ ބޭނުމަށް ބަންދުކުރި ދޮންއަނދަރާދަ ހިނގުން ރޯދައިގެ ކުރިން އާންމުންނަށް ހުޅުވާލާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

ނޫސްވެރިންނަށް އެ މަގު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ސްޓެލްކޯއިން ވަނީ މިއަދު ދައްކާލާފައެވެ. އެ ހަރަކާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީއާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ އިތުރުން އެ ކުންފުނީގެ އިސްވެރީން ވެސް ބައިވެރިވެ ވަޑައިގަތެވެ.

ސްޓެލްކޯއިން ބުނީ ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފަހު، އެ މަގު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ޙުސައިން ފަހުމީ: ދޮންއަނދަރާދަ ހިނގުން ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ނޫސްވެރިންނަށް ދައްކާލުމުގެ ތެރެއިން -- ސަން ފޮޓޯ/ އަމަން ލަތީފް

އެ މަގު ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، އެ މަގުގެ ދެފަރާތުގައި ވެސް ވަނީ ގަސް އިންދައި، މަގުބައްތި ހަރުކޮށްފައެވެ. އެ މަގުގެ ދެ ފަރާތުގައި ހުންނަ ސްޓެލްކޯގެ އިމާރާތްތައް ގުޅުވާލާފައިވަނީ ބްރިޖަކުންނެވެ. އެ ކުންފުނިން ބުނެފައިވަނީ އެ މަގު ރަސްމީކޮށް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.

ސްޓެލްކޯގެ ބޭނުމަށް 2010ވަނަ އަހަރު އެ މަގު ބަންދުކުރިއިރު، އަލުން އެ މަގު ހުޅުވާލުމަށްޓަކައި، މަގު ހުސްކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ 17ގައެވެ.

ސްޓެލްކޯއިން ބުނީ އެ މަގު ބަންދުކުރަން ޖެހުނީ މާލޭގެ ކަރަންޓުގެ ޑިމާންޑަށް ޚިދުމަތް ފުޅާކުރުމަށް އިތުރު ކެޕޭސިޓީ ގާއިމްކުރުމަށް ހިންގަން ކުރިން ރޭވި ފޯޓް ޕަވާ ޕްރޮޖެކްޓް ފެށުން ލަސްވުމުން ކަމަށެވެ.

އެހެންވެ ކުންފުނީގެ ބިމާ އިންވެގެން އޮތް ދޮންއަނދަރާދަ މަގު ބަންދުކޮށް، އެ މަގަށްވާ ގޮތަށް އިންޖީނު ގެއެއް އެޅީ 2010ވަނަ އަހަރެވެ.