05 Mar 2024, 09:40
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ބޭނުންވާ ގާނޫނީ އަދަދަށް މެންބަރުން ހާޒިރުނުވުމާ ގުޅިގެން މިއަދު ހެނދުނަށް ތާވަލުކުރި ޖަލްސާ ކެންސަލްކޮށްލައިފިއެވެ.
ގިނަ މެންބަރުން ކެމްޕޭންގައި އުޅޭތީ، މި ފަހުން ކޮންމެ ދުވަހަކު ޖަލްސާތައް ނުވެސް ބާއްވައެވެ.
މިއަދު ހެނދުނު 9:00 އަށް ވަނީ މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފައެވެ. އެއީ، މި ހަފުތާގައި އަދި ތާވަލުކުރި ފުރަތަމަ ޖަލްސާއެވެ. އެކަމަކު، މިއަދުގެ ޖަލްސާއަށް ވެސް ހާޒިރުވީ އެންމެ 11 މެންބަރުންނެވެ. އެހެންވެ، ޖަލްސާ ފެއްޓިފައެއް ނުވެއެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން މަޖިލީހުގެ ޖަލްސާ ފެށޭނީ 22 މެންބަރުން ތިބެގެންނެވެ.
މިއަދުގެ ޖަލްސާ ފެށުމުގެ ކުރީގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމް ވެސް ރަށުގައި ވަޑައިގެން ނޫޅުއްވާތީ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ކަމަށެވެ.
ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ފަހު ގަފޫރު ވިދާޅުވީ، ޖަލްސާ ފަށަން ބޭނުންވާ އަދަދަށް މެންބަރުން ހާޒިރުވެ ނެތް ކަމަށެވެ. އެގޮތުން، މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ އެންމެ 11 މެންބަރުންކަން އޭނާ އިއުލާނުކުރެއްވިއެވެ.
ހެނދުނު 9:00 ގައި ޖަލްސާ ނުފެށުމުން އޭނާ ވަނީ އަލުން އަނެއްކާ ވެސް ޖަލްސާ ފެށޭތޯ 9:30 ގައި މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެ، ޖަލްސާ މެދުކަނޑާލައިފައެވެ.
އެކަމަކު، ފަހުން 9:30 ގައި ޖަލްސާ ފެށިއިރު ވެސް ޖަލްސާ ފަށަން ބޭނުންވާ ގާނޫނީ އަދަދަށް މެންބަރުން ހަމަވެފައެއް ނުވެއެވެ. އެހެންވެ، ގަފޫރު ވިދާޅުވީ ޖަލްސާ ބޭއްވެން ނެތް ކަމަށާއި ދެން ޖަލްސާއެއް ބޭއްވޭނެ ތާރީޚެއް ފަހުން އިއުލާނުކުރައްވާނެ ކަމަށެވެ.
މަޖިލީސް އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އޮންނައިރު، ގިނަ މެންބަރުން އުޅުއްވަނީ ކެމްޕޭންގައި ރާއްޖެތެރޭގައެވެ. މީގެ ކުރިން ވެސް މެންބަރުންގެ ހާޒިރީ ދަށްވުމުގެ ސަބަބުން ގިނަ ޖަލްސާތަކެއް ނުބޭއްވި ކެންސަލްކުރަން ޖެހިފައިވެއެވެ.
މެންބަރުން ކެމްޕޭން އުޅުއްވާ ކަމަށް ބުނެ ޖަލްސާތައް ގަވާއިދުން ނުބާއްވާތީ ކަންބޮޑުވުން ފާޅުކޮށް، ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވައިފައެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި ވަނީ ޖަލްސާތައް ގަވާއިދުން ބާއްވަން ގޮވާލައިފައެވެ.