05 Mar 2024, 11:35
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާކުރި ދާއިމީ މިސްކިތެއް އަންނަ ހުކުރު ދުވަހު ހުޅުވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެ މިސްކިތާ ގުޅޭގޮތުން ޝަހީމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، މިއީ 1500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ޖާގައިގެ ބޮޑު މިސްކިތެއް ކަމަށެވެ.
އަދި މި ފެށޭ ރަމަޟާން މަހަށް މި މިސްކިތް ހުޅުވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ދެ އަހަރު ކުރިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެއް ދާއިމީ މިސްކިތް ވަނީ ހުޅުވައިފައެވެ.
މިއީ އަމިއްލަ ފަރާތަކުން އެޅި މިސްކިތެކެވެ. އެ މިސްކިތަކީ 1994 ވަނަ އަހަރު މަރުވި އަހުމަދު އަމީލް ޖަލީލްގެ ހަނދާނުގައި "މަސްޖިލު ޢަމީލް ޖަލީލް"ގެ ނަމުން ނަންދީގެން އޭނާގެ ދަރިން އިމާރާތް ކުރި މިސްކިތެކެވެ.
ރޯދަ މަހަށް އެޗްޑީސީން އަންނަނީ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.