05 Mar 2024, 14:42
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަަށް މަޖިލިސް މެންބަރުން ހާޒިރުވާންޖެހޭނެކަމަށާއި އިތުރު ކަންކަމުގައި އުޅެންވާނީ އެއަށްފަހުގައި ކަމަށް ބުނެ، މަޖިލިސް ގަވައިދާ އެއްގޮތަށް މިފަހުން ޖަލްސާތައް ނުބޭއްވިދާތީ ދަ ޑިމޮކްރެޓްސްއިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިއަދު އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ މަޖިލިސް މެންބަރުންވަނީ ޖަލްސާތައް ނުބޭއްވި ދިއުމަކީ މަޖިލީހުގެ ޒިންމާތައް އަދައިކުރުމަށް ވެސް އެޅޭ ވަރަށް ބޮޑު ހުރަހެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ.
އަދިވެސް މި ދައުރުގައި ގިނަ މުހިންމު ބިލުތަކެއްގެ މަސައްކަތް ނުނިމި އޮތްކަމަށާއި، ކޮމިޓީ މަރުހަލާގައި ވެސް މުހިންމު މަސައްކަތްތައް އެބަހުރިކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ހަމައެކަނި ޑިމޮކްރެޓްސްގެ 10 މެންބަރުން ހާޒިރުވެގެން މަޖިލީހުގެ ކޯރަމް ހަމަނުކުރެވޭނެ ކަމަށެވެ.

ޑިމޮކްރެޓްސްގެ ޕާލިމަންޓަރީ ގްރޫޕުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެެއިން އީވާ އަބްދުﷲ -- ފޮޓޯ: މަޖިލިސް
ހަފުތާއެކު އެންމެ ތިން ޖަލްސާ އޮންނައިރު، އެ ޖަލްސާތަކަށް ހާޒިރުނުވެ މެންބަރުން ކުރަންވާނެ އިތުރު އެއްވެސް މަސައްކަތެއް އޮވެގެން ނުވާނެކަމަށް އީވާ ވިދާޅުވިއެވެ.
އެގޮތުން މިހާރުގެ މެންބަރުން ވެސް ކެމްޕޭނާއި އެ ނޫން ބޭނުންތަކުގައި އުޅެންވާނީ ޖަލްސާގައި ބައިވެރިވުމަށްފަހުގައި ކަމަށް އީވާ ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް މުސާރަ މި ދެނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރަން. އެއީ ގާނޫނު ހެދުމާއި، ފާރަވެރިވުމާއި އަދި ކޮމިޓީގެ މަސައްކަތްކުރުމަށް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެއްވެސް ހާލަތެއްގައި މުސާރަދެނީކީ ކެމްޕޭން ކުރާކަށެއް ވެސް ނޫން ނުވަތަ ދެވަނަ ދައުރަށް ހޮވޭކަށް ވެސް ނޫން،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ މަޖިލިސް މެންބަރުންގެ ޒިންމާ އަދައިނުކޮށް، ދެވަނަ ދައުރަކަށް ހޮވޭ މެންބަރުން ދެން ހޮވުމުން ވެސް އަމަލުކުރާނެ ގޮތަކާމެދު ސުވާލު އުފައްދަންޖެހޭކަމަށެވެ.

ޑިމޮކްރެޓްސްގެ ޕާލިމަންޓަރީ ގްރޫޕުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެެއިން ހަސަން ލަތީފް -- ފޮޓޯ: މަޖިލިސް
މިއަދު އޮތް ޖަލްސާ ވެސް 09:00 ޖެހިއިރު ފަށައި ކޯރަމް ހަމަނުވުމުން، ބައިގަޑިއިރު ބެލުމަށްފަހު އަލުން 09:30 ގައި ޖަލްސާ ފެށިއިރު ވެސް ކޯރަމް ހަމަނުވިއެވެ. އެހެންވެ ޖަލްސާ ބޭއްވޭ ގޮތެއް ނުވިއެވެ.
ޖަލްސާތައް ގަވައިދުން ނުބޭއްވޭތީ ޑިމޮކްރެޓުންނަށް ނިސްބަތްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފައެވެ.
މިހާރު މި އޮތް 19ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާން ދެން އޮތީ މަދު ދުވަސްކޮޅެކެވެ. މަޖިލިސް އިންތިޚާބު އޮތީ އަންނަ މަހުގެ 21ގައެވެ.