އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއިން ގޮވައިލަނީ ހަމައެކަނި ރަހީނުން ދޫކޮށްލުމުގެ މަގުސަދުގައި ކަމަށް އިސްލާމިކް ޖިހާދުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު އަލް ހިންދީ ވިދާޅުވެއްޖެއެވެ.

އެއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހުއްޓުވުމުގެ މަގްސަދުގައި ކުރާ ކަމެއް ނޫން ކަމަށް ވެސް މުޙައްމަދު ވިދާޅުވިއެވެ. މުޙައްމަދު އެގޮތަށް ވިދާޅުވީ ބެއިރޫތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

"މި ހަނގުރާމަ ނިމުމުން މި ސަރަހައްދާއި ދުނިޔޭގައި އިސްރާއީލުގެ ބަރުދަން ކުޑަވާނެ. ޣައްޒާގައި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން ނިމިގެން ދިޔަޔަސް އިސްރާއީލުގެ އިސްތިއުމާރާއެކު ކުރާ ހަނގުރާމަ ހުއްޓޭނެ. މި ކުރިމަތިލުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ކެތްތެރިކަމާއި ބާރާއި ކުރިއަށް އޮތް ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުވެގެންދާނެ. އަދި އެގޮތަށް އިސްރާއީލާ ކުރިމަތިލާން ބޭނުންނުވާ މީހުން އުޅެންޖެހޭނީ އިސްރާއީލާއި އެމެރިކާގެ އަޅުންގެ ގޮތުގައި،" މުޙައްމަދު އިތުރަށް ވިދާޅުވިއެވެ.

އެމެރިކާއިން ބިރުގަންނަނީ މުޅި ސަރަހައްދަށް މި ހަމަނުޖެހުން ފެތުރިދާނެތީ ކަމަށާއި އެންމެ ހައިރާންވާ ކަމަކީ އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭއިރު، ފަލަސްތީނަށް ފޯރުކޮށްދެނީ ހަމައެކަނި ކާއެތިކޮޅެއް ކަމަށްވާތީ ކަމަށް ވެސް މުޙައްމަދު ވިދާޅުވިއެވެ.

އެއްބަސްވުމެއްގެ ދަށުން މީގެ ކުރިން ނޮވެމްބަރު މަހު ހަފުތާއެއްހާ މުއްދަތަށް ހަނގުރާމަ މެދުކަނޑައިލުމަށްފަހު ދެ ފަރާތުން ވަނީ އަސީރުންނާއި ގައިދީން މިނިވަންކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 30،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގެ ސަބަބުން ޒަޚަމުވި މީހުންގެ އަދަދު ވަނީ 71،000 އަށް އުފުލިފައެވެ.