ބަނގުރާ ހިފައިގެން ފަޅު ރަށަކަށް ދަނިކޮށް 10 މީހުން ހައްޔަރުކުރުމުން، އޭގެ ތެރެއިން ބައެއް މީހުން ޝަރުތުތަކަކާ އެކު މިނިވަންކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ 10 މީހަކު ހައްޔަރުކޮށްފައިވަނީ މ. މުލަކުގައި ދުއްވާ ލޯންޗެއްގައި ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ހިފައިގެން ފަޅުރަށަކަށް ދާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މުލަކުގައި ފުލުހުން މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރާއި 33 އަހަރާ ދެމެދުގެ މީހުންތަކެކެވެ. އެކަމަކު، އެ މީހުންނާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ދުއްވާ ލޯންޗެއްގައި ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ހިފައިގެން ފަޅުރަށަކަށްދާކަމުގެ މައުލޫމާތު ލިބުމުން ފުލުހުން އެ މީހުން ހައްޔަރުކޮށްފައިވަނީ މ. ހަކުރާހުރާ ކައިރިން ކަނޑުމަތިންނެވެ.

ފުލުހުން ބުނީ އެ މީހުން ދަތުރުކުރި ލޯންޗާއި އެ މީހުން ގެންގުޅުނު ތަކެތި އަދި އެ މީހުންގެ ހަށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ސެލޯފިންކޮޅާއި ދަޅުގައި ބަންދުކޮށްފައިހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 35 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ވެސް އިތުރު މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މުލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު ބައެއް މީހުން ދޫކޮށްލައި، ދެންތިބި މީހުން ތިން ދުވަހާއި ފަސް ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.