06 Mar 2024, 12:29
އިސްރާއިލުން ފަލަސްތީނުގައި ހިންގަމުންދާ 'ޖެނޮސައިޑް' ނުވަތަ ނަސްލު ނައްތާލުމުގެ ޢަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
މިހެން ގޮވާލައިފައިވަނީ އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން، އިއްޔެ ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދިވެހިރާއްޖޭގެ ފަރާތުން ދެއްވި ޤައުމީ ބަޔާނެއްގައެވެ.
މި ބަޔާނުގައި ދިވެހިރާއްޖެއިން ވަނީ އިސްރާއީލްގެ ސަރުކާރުން ރަފާއަށް ހަމަލާދޭނެކަމަށް ބުނަމުންދާ ބުނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ތަކެތި އެކަށީގެންވާ މިންވަރަށް ފޯރުކޮށްދިނުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ ގޮވާލާފައެވެ.

އިއްޔެ ބޭއްވި އޯއައިސީގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ފޮރިން މިނިސްޓްރީ
މީގެއިތުރުން، އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި ޢަމަލުކުރަމުންދާ ގޮތާ ގުޅޭގޮތުން އިންޓާނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިސްތިޝާރީ ލަފަޔަކަށް އެދި އ.ދ. ގެ ޢާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލައިގައި، ދިވެހިރާއްޖެއިން ފަލަސްތީނުގެ ހައްޤުގައި ހުށަހެޅި ބަޔާނަށް ވަނީ އަލިއަޅުވާލާފައިވެއެވެ. އަދި، ދެކުނު އެފްރިކާ އިން ހުށަހަޅާފައިވާ އެޕްލިކޭޝަންއަށް ޑިކްލަރޭޝަންއެއް ހުށަހަޅާނެކަމަށް ވެސް ދިވެހިރާއްޖެއިން ވަނީ ބަޔާންކޮށްފައެވެ.
ރާއްޖެއިން ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބޭނެކަމުގެ ޔަޤީންކަން ދީފައެވެ.
އޯއައިސީއަކީ ފަލަސްތީނުގެ ހައްޤުގައި ވަކާލާތުކުރަމުން އަންނަ 57 މެމްބަރުން ހިމެނޭ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އޯއައިސީގެ މެމްބަރަކަށްވެފައިވަނީ 1976 އެވެ.