06 Mar 2024, 15:15
ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖަރުމަނު ބުންޑަސްލީގާގެ ޗެމްޕިއަން ބަޔާން މިޔުނިކުން ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލުން ބަޔާން ޖާގަހޯދާފައިވަނީ ރައުންޑް އޮފް ސިކްސްޓީންގައި އިޓާލިއަން ސެރީއާގެ ލާޒިއޯ އާ ބައްދަލުކޮށް ތިން ލަނޑު އެއް ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ލާޒިއޯގެ ދަނޑުގައި ކުޅެ އެއް ލަނޑު ސުން ލަނޑުން ލާޒިއޯ ކުރި ހޯދި ނަމަވެސް ބަޔާންގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު ތިން ލަނޑު ސުން ލަނޑުން ކާމިޔާބު ކުރީ ބަޔާންއެވެ.
ދެވަނަ ލެގުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ ބަޔާންއިންނެވެ. ފުރަތަމަ ލެގުން ބަލިވެފައިވުމާއި ފަހަކަށް އައިސް ލީގުގައި އެ ޓީމަށް ދެއްކެމުންދިޔަ ކުޅުމުގެ ސަބަބުން މި މެޗަށް ބަޔާންއިން ނިކުތީ އެހެން ފަހަރު ތަކަށް ވުރެ ޕްރެޝަރާއެކުއެވެ. އަދި މި މެޗުން ނަތީޖާއެއް ނެރެން ބޭނުންވެފައިވިވަރު ވަރަށް ރަނގަޅަށް އެ ޓީމުން ދެއްކި ކުޅުމުން ފާހަގަ ވެގެންދިޔައެވެ.
ލާޒިއޯއިން ވަނީ ބަޔާންއަށް ލަނޑެއް ޖެހުނަ ނުދީ ހިފެހެއްޓޭތޯ ފުރަތަމަ ހާފުގައި ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ ޓީމަށް އެކަން ކުރެވޭވަރުވީ މެޗުގެ 39 ވަނަ މިނެޓާ ހަމައަށެވެ. މި ގޮތުން ބަޔާންއަށް މި ސީޒަންގައި މުހިންމު ލަނޑު ތަކެއް ޖަހާދެމުން ގެންދާ ހެރީ ކޭން ވަނީ ބަޔާންގެ ފުރަތަމަ ލަނޑު ޖަހައިދީ އެގްރިގޭޓް ނަތީޖާ ހަމަހަމަ ކޮށް މި މެޗުގައި އެ ޓީމަށް ލީޑު ނަގައިދީފައެވެ.
އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ތޯމަސް މުލާ ވަނީ ލަނޑެއް ޖަހާ އެގްރިގޭޓް ނަތީޖާއިން ބަޔާންއަށް ލީޑު ނަގައިދީފައެވެ. ފުރަތަމަ ހާފު މި ނަތީޖާގައި އޮވެގެން ނިމުނުއިރު ދެވަނަ ހާފު ބަޔާންއިން ފަށާފައިވަނީ ފުރަތަަމަ ހާފުވެސް ނިންމާލި ހިސާބުންނެވެ. މި މެޗުގައި ބަޔާންގެ ތިން ވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ޖަހައި އެ ޓީމުގެ ލީޑު ފޫޅާކޮށްދިނީ ފުރަތަަމަ ލަނޑުވެސް ޖަހައިދިން ކޭންއެވެ.
މިއާއެކު މި ސީޒަންގައި ބުންޑަސްލީގާ އާއި ޗެމްޕިއަންސް ލީގުގައި ކޭން މި ވަނީ 33 ލަނޑު ޖަހައިފައެވެ. އަދި މި މެޗުގައި ކޭން ކާމިޔާބު ކުރި ފުރަތަމަ ލަނޑަކީ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބު ކުރި 50 ވަނަ ލަނޑެވެ. މި މެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށްވެސް ލިބިގެންދިޔަ ކަން ފާހަގަ ކޮށްލެވުނެވެ.
މި ކާމިޔާބީ އާއެކު ބަޔާން މި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދާފައިވާއިރު މި ސީޒަންގައި ތައްޓަކާއެކު ނިންމާލުމަށް އެ ޓީމުން ކުރަމުންދާ އުންމީދަށް މި ވަނީ އާދިރުމެއް ލިބިގެން ގޮސްފައެވެ.