ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި އަހަރު ތެރޭގައި ވަޑައިގަންނަވާނެ ކަމަށާއި އަދި އަމާޒަކީ މި ހިނގާ ވެރިކަމުގެ ދައުރުގެ ތެރޭގައި ކޮންމެ ރަށަކަށް ވެސް ދެ ފަހަރަށް ވަޑައިގެންނެވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު ގެންދަވަނީ ރާއްޖޭގެ ރަށްރަށަށް ދަތުރުކުރައްވައި، ކައުންސިލްތަކާ ބައްދަލުކުރައްވަމުންނެވެ.

މި އަހަރު މިހާތަނަށް، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު، ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، އަދި ދ. އަތޮޅު ރަށްރަށަށް ވަޑައިގެންނެވުމަށް ފަހު މިއަދު މ. މުލަކަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ބޭނުންފުޅުވަނީ ރައްޔިތުންނާއި ކައުންސިލްތަކާ ބައްދަލުކޮށް އެ ބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް މަޝްރޫއުތައް ކުރިއަށްގެންދަން ކަމަށެވެ.

"ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ. ސީދާ ރައްޔިތުން ބޭނުންވާ ގޮތް އެނގިގެންދޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއުތައް ހިންގަން، ކައުންސިލްގެ ފަރާތުން އެ ކަންކަން ސާފުކޮށްފައި، ހަގީގީ މާނައެއްގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް އަމަލީ ގޮތުން އެ ނިޒާމު ތަންފީޒު ކުރުން،"

ރައީސް މުއިއްޒު މިއަދު މ. މުލަކުގައި: ވިދާޅުވީ ހުރިހާ ރަށަކަށް ދެ ފަހަރަށް ދަތުރުކުރައްވާނެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ރައީސް ވިދާޅުވީ، މި އަހަރު ހުރިހާ ރަށަކަށް ދަތުރުކުރަން އަމާޒު ހިއްޕަވައިގެން ހުންނެވި ކަމަށެވެ.

ރަށްރަށަށް ދަތުރުކޮށް ރައްޔިތުންނާ ބައްދަލުކޮށް، ސީދާ ރައްޔިތުން އެދޭގޮތަށް މަޝްރޫއުތައް ފައްޓަވާނެ ކަމަށާއި އަދި އެއަށް ފަހުގައި 2026 ވަނަ އަހަރު އަނެއްކާ ވެސް މަޝްރޫއުތައް ކުރިއަށްދާގޮތް ބައްލަވައިލައްވަން ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ދައުރުގެ ތެރޭގައި މަދުވެގެން ދެ ފަހަރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް ހުރިހާ ރައްޔިތުންނާ ބައްދަލު ކުރާނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މުޅި ސަރުކާރު ވެސް މަސައްކަތް ކުރާނީ އެ ގޮތުގައި ކަމަށެވެ. މިއީ ރައްޔިތުންނާ ގާތުން، ރައްޔިތުން ބޭނުންވާ ގޮތަށް ބައްޓަންކުރައްވާނެ ސަރުކާރެއް ކަމަށް ރައީސް ވިދާޅުވިއެވެ.