06 Mar 2024, 23:30
ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިޔުމަށް އަންހެނުންނަށް ފުރުސަތު ފަހިކޮށްދިނުން މުހިންމު ކަމަށް, ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އަނބިކަނބަލުން އައިޝަތު އަފްރީން މިއަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން، ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)އާއި އެސްއެމްއީ ޑިވެލޮޕްމަންޓު ބޭންކު (އެސްޑީއެފްސީ) ގުޅިގެން ބޭއްވި "ހިޔަލަ ފޯރަމް 2024" ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި އަފްރީން ވިދާޅުވީ އަންހެނުންގެ ދުވަހުގެ ޝިއާރު ކަމަށްވާ "އިންވެސްޓް އިން ވިމެން: އެކްސެލެރޭޓް ޕްރޮގްރެސް"އާ އެއްގޮތަށް ސަރުކާރުން އިސްނަގައިގެން އަންހެނުން ކުރިއެރުވުމަށްޓަކައި ތަރައްގީގެ މަސައްކަތްތައް ރާވާފައިވާ ކަމަށެވެ.

ހިޔަލަށް ފޯރަމްގެ ތެރެއިން ---- ފޮޓޯ/ ރައީސް އޮފީސް
އެގޮތުން އަންހެން ވިޔަފާރިވެރީން ކުރިއެރުވުމަށްޓަކައި ޚާއްޞަ ލޯނުތަކާއި ތަފާތު އެކި ދާއިރާތަކުން ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އަފްރީން ވިދާޅުވިއެވެ.
"މި ފޯރަމްގެ ސަބަބުން ބަނަވެފައިވާ ދުނިޔެއެއްގައި އަދުގެ މުޖުތަމައުގައި އަންހެނުންނަށް ދިމާވާ ތަފާތު ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެވޭނެ. އަދި އެކަންކަން ހައްލުކޮށްދިނުމަށްޓަކައި ސަރުކާރާއި އާންމު ފަރުދުންގެ ފެންވަރުގައި ކުރެވޭނެ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަނެވިދާނެ،" އަފްރީން ވިދާޅުވިއެވެ.
އެއާއެކު، އެކަމަނާ ވިދާޅުވީ، ރާއްޖޭގައި މަތީސާނަވީ އަދި މަތީ ތައުލީމް ހާސިލްކުރާ އަންހެން ކުދިންގެ ނިސްބަތް އިތުރުވެފައިވީ ނަމަވެސް މިފަދަ ފޯރަމްތަކުގެ ސަބަބުން މިފަދަ ކަންކަން ދިމާވާން މެދުވެރިވާ ސަބަބުތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ފާހަގަކުރެވޭނެ ކަމަށެވެ.

ހިޔަލަ ފޯރަމްގެ ތެރެއިން --- ފޮޓޯ/ރައީސް އޮފީސް
އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަނބަލުން ބައިވެރިވި މި ފޯރަމްގެ ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ވާހަކަދައްކަވާފައިވަނީ ތައުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑރ. އާމާލް އަލީއެވެ.
ޑރ. އާމާލްގެ ވާހަކައިގައި ވަނީ އާއިލާ ބިނާކުރުމުގައިއާއި މުޖުތަމައުގެ އެކި ކަންކަމުގައި އަންހެނުން ކުރާ މަސައްކަތުގައި ފިރިހެނުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި އަންހެނުންނަކީ މުޖުތަމައު ބިނާކުރުމުގައި އެންމެ މުހިންމު އެއް ދައުރެއް އަދާކުރާ ބައެއްކަމަށް އާމާލް ވިދާޅުވިއެވެ.
މި ފޯރަމްގައި ބައިވެރިވި ފަރާތްތަކުން ވަނީ މުޖުތަމައުގައި ހުރި ސަގާފީ އަދި އިޖުތިމާއީ ބައެއް ކަންކަމާއި މުޖުތަމައުން ކަންކަން ބަލައިގަންނަ ގޮތުގެ ސަބަބުން އަންހެނުންނަށް ކުރިއަށް ދިއުމަށް ހުރަސް އެޅޭކަން ފާހަގަކޮށްފައެވެ. އަދި އަންހެނުން ބާރުވެރިކޮށް ކުރިއަށް ދާނެ މަގު ދައްކައިދިނުމަށްޓަކައި، ތައުލީމީ ނިޒާމުގެ ބައެއް ކަންކަން ރަނގަޅު ކުރަންޖެހޭކަން ވެސް ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.
ހިޔަލަ ފޯރަމަކީ އަންހެނުން މާލީގޮތުން ބާރުވެރި ކުރުމަށް ހުރި ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަން ދެނެގަނެ އެކަންކަމަށް އެންމެ އެދެވޭ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުމަށްޓަކައި ކުރިއަށް ގެންދިޔަ ފޯރަމެކެވެ.