07 Mar 2024, 00:24
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ވަގުތީ ލޯކަލް މާރުކޭޓުގެ ގޮޅިތައް ހިލޭ ދޫކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފިއެވެ.
އެޗްޑީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިދިޔަ މަހުގެ ތެރޭގައި އެ މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލި އިއުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާ ކަމަށެވެ. އެހެންވެ، ގޮޅިތައް ހޯދަން ފޯމް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލީ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެޗްޑީސީއިން ބުނީ ގޮޅި ހިންގުމަށް ދޫކުރާނީ އެއްވެސް ކުއްޔެއް ނުދައްކާ ގޮތަށް ކަމަށެވެ. އެގޮތުން ދެ މަސް ދުވަހުގެ މުއްދަތަކަށް 16 ގޮޅި ދޫކުރުމަށް ނިންމާފައިވާ ކަމަށް އެ އިއުލާނުގައިވެއެވެ.
ފޯމު ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި:
ދިވެހި ރައްޔިތެއް ކަމުގައިވުން
- މީލާދީ ގޮތުން 18 އަހަރުވެފައިވުން
- ހުޅުމާލެއަށް ރަޖިސްޓްރީވެފައިވާ ރަށްވެސަކަށްވުން (ހުޅުމާލެގައި ރަޖިސްޓްރީވެފައިވާ ރަށްވެއްސެއް ކަމަށް ބެލެވޭނީ، ހުޅުމާލެގެ ގެއެއް ނުވަތަ ފްލެޓެއްގެ ރަޖިސްޓްރީގައި ހިމެނި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުން އެކަން އެނގެން ހުރި ފަރާތްތައް އެކަނި)
ގޮޅިތައް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ފޯމް ބަލައިގަންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:30އިން 11:00އަށް ހުޅުމާލެ ޣާޒީ ސުކޫލު ހޯލުގައެވެ.
އެޗްޑީސީއިން ބުނީ ހޮނިހިރު ދުވަހުގެ 11:00 އާ ހަމައަށް ދޫކޮށްފައިވާ ނަންބަރުތަކަށް ފޯމު ބަލައިގަތުމަށް ފަހު، ގޮޅިތައް ދޫކުރުމަށް ގުރުނެގުން އޮންނާނެ ކަމަށެވެ.
ވަގުތީ މާރުކޭޓު ކުއްޔަށް ހިފުމަށް ފޯމު ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތުwww.hdc.mvއަދިproperties.hdc.mvމެދުވެރިކޮށް ލިބެނޭ ކަމަށާއި ހޮޓްލައިން ނަންބަރު 1516އަށް ގުޅުމުން ވެސް ލިބޭނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.