އިސްލާމީ އިދާރާތައް ހިންގަން، އިސްލާމީ އިދާރީ ލީޑަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މި އަންނަ ރޯދަ މަހަށް ފަހު ފަށާނެ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ، މި ޕްރޮގްރާމުގެ ތެރޭގައި އިސްލާމިކް މިނިސްޓަރުކަމާއި މިނިސްޓްރީގެ މަތީ މަޤާމުތަކާއި ކޮލެޖް ޔުނިވާސިޓީތައް އިދާރީ ގޮތުން ހިންގައި ލީޑްކުރާނެ ޚާއްޞަ އިލްމީ ޒުވާން ޓީމެއް ތަމްރީނު ކުރާނެ ކަމަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އިސްލާމީ ދާއިރާއަކުން ދަށް ވެގެން ޑިގްރީއެއް އޮތް، އަދި ހޮވައިލެވޭ އިލްމީ ބަޔަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ޓްރެއިނިން ދޭ ބައިތަކުގެ ތެރޭގައި ހިމެނެނީ:

  • އިސްލާމީ އިދާރީ ލީޑަޝިޕް

  • އިސްތިރާޖީ ވިސްނުމާއި އިސްތިރާޖީ ރޭވުންތެރިކަމާއި މުއައްސަސާތައް ބިންނާކުރާނެ ގޮތް
  • ހިންގުމާއި ޓީމު ވޯކާއި ޑިޕްލޮމަސީއާއި ކްރައިސިސް މެނޭޖްމަންޓް

މިނިސްޓަރު ވިދާޅުވީ މި ނޫން ވެސް ލީޑަޝިޕާ ގުޅުންހުރި އިތުރު ދާއިރާތަކުން ތަމްރީނު ކުރާނެ ކަމަށެވެ. އެ ތަމްރީން ކުރިއަށްގެންދާނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ތެރެއިން އިސްލާމީ ޤައުމުތަކުގެ މުހިންމު ޝަހުސިއްޔަތުތަކާ ބައްދަލުކުރުމާއި ޤައުމުތަކަށް ޒިޔާރަތްކުރުމާއި ތަޖުރިބާ ހޯދުން ހިމެނޭނެ ކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މި ޓްރެއިނިންގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ، މިހާރު އެ މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުންގެ ފަހުންވެސް ރާއްޖޭގެ އިސްލާމީ މުއައްސަސާތަކުގައި އިސްކޮށް ތިއްބަވާނެ ޒުވާން ޓީމެއް ބިނާ ކުރުމެވެ.