07 Mar 2024, 16:17
އުމުރުން ދުވަސްވީ މީހުންނަށް އަޅާލައި، ބަލަހައްޓާނެ 'ޑޭކެއާ' ޚިދުމަތަކަށް ބޭނުންޖެހިފައިވާ މިންވަރު އިތުރުވެފައިވާ ކަމަށާއި އެފަދަ ޚިދުމަތެއް ގާއިމުކުރުން މުހިންމު ކަމަށް، ރާއްޖޭގެ ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ އޭޖްޑް ކެއާ މޯލްޑިވްސްއިން ބުނެފިއެވެ.
އޭޖްޑް ކެއާ މޯލްޑިވްސްއިން ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި އެ ޖަމިއްޔާ ހިންގާ އިސްވެރިންގެ ފަރާތުން ވިދާޅުވެފައިވަނީ، އެ ޖަމިއްޔާ އެކަށީގެންވާ ގޮތެއްގައި ހިންގުނު ކަމުގެ އިހުސާސް ކުރެވުނު ނަމަވެސް އިތުރަށް ކުރަން ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ޑޭ ކެއާއެއް ހިންގުމާއި އުމުރުން ދުވަސްވީ މީހުންނަށް ހިންގާ ރެޒިޑެންޝަލްއެއް ގާއިމުކުރުން ހިމެނޭ ކަމަށް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

އޭޖްޑް ކެއާ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ: ދުވަސްވީ މީހުން ބަލަހައްޓާ ޚިދުމަތަކަށް ބޭނުންޖެހިފައިވާ މިންވަރު އިތުރުވަމުން އަންނަ ކަމަށް އޭސީއެމްއިން ބުނޭ --
އޭޖްޑް ކެއާ މޯލްޑިވްސްއިން ބުނީ އެފަދަ ޑޭ ކެއާއެއް ހިންގަން ފެށިއްޖެ ނަމަ އެކަމުގެ ސަބަބުން ވަރަށް ގިނަ އާއިލާތަކަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. އެގޮތުން ހަޔާތުގެ ކަންކަން ހަމަޖެއްސުމަށް ޓަކައި ދެމަފިރިން މަސައްކަތް ކުރަން ޖެހިފައިވުމަކީ މިއަދުގެ ހަގީގަތެއްކަން ފާހަގަކޮށް ވަނީ، އެފަދަ މީހުންނަށް އެމީހުން މަސައްކަތު ދާއިރު މައިންބަފައިން ބަލަހައްޓާނެ ތަނެއް ހުރުމުން ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށެވެ.
މީގެ އިތުރުން އަގު ދީގެން މައިންބަފައިން ބަލަހައްޓާނެ ފެންވަރު ރަނގަޅު ތަންތަން ހުރޭތޯ އަހާ މީހުން ގިނަވާން ފަށައިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެހެންވެ، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ޑޭ ކެއާއާއި ރެޒިޑެންޝަލް ފެސިލިޓީއެއް ގާއިމުކުރުމަކީ ވެސް ދުރުނޫން މުސްތަގުބަލެއްގައި ފަށަން ޖެހިފައިވާ ކަންތައްތައް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އޭޖްޑް ކެއާ މޯލްޑިވްސްއަކީ އުމުރުން 45 އަހަރުން މަތީގެ މީހުންގެ ހައްގުތައް ކަށަވަރުކޮށް, ގަދަރުވެރި ޙަރަކާތްތެރި ދިރިއުޅުމެއް ހޯދައި ދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.