ހުޅުމާލޭގައި ފުރަތަމަ ފިޔަވަހީގައި ބާރު ސްޕީޑުގައި ދުއްވައިފައި ދަނިކޮށް، ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މިއަދު މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އޭނާ މަރުވީ، އޭނާއަށް ލިބިފައިވާ ސީރިއަސް އަނިޔާތަކަށް ފަރުވާދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ވަނިކޮށެވެ.

ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން ނިޔާވީ ކ. ހުރާ، އުމުރުން 19 އަހަރުގެ މުޙައްމަދު ލަޔާން ޝަރީފް (ލުއްލު)އެވެ. މައުލޫމާތު ލިބުނު ގޮތުގައި އެނާގެ ބޮލަށާއި، ކޮނޑާއި، މޭކަށިގަނޑާއި، އަތާއި، ފައިގެ އިތުރުން، ފުއްޕާމެއަށް ވަރަށް ބޮޑަށް ވަނީ އަނިޔާލިބިފައެވެ.

އެ އެކްސިޑެންޓު ހިގީ ހުޅުމާލެ ގުލްއަލާމާ ހިނގުމުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީ ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހިގެންނެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ ހޯމަ ދުވަހުގެ ދަންވަރު 2:30 ހާއިރު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ކަމަށެވެ.

މި އެކްސިޑެންޓުގައި އޭނާ ދުއްވި ސައިކަލު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ހަމައެއާއެކު ވޭނަށް ވެސް ވަރަށް ބޮޑަށް އޮތީ ގެއްލުންވެފައެވެ.

ފުލުހުން އަންނަނީ މި އެކްސިޑެންޓު ތަހުގީގުކުރަމުންނެވެ.

ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމުގެ މިފަދަ ހިތާމަވެރި ހާދިސާތައް ފަހަކަށް އައިސް ވަަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

މީގެކުރިން ވެސް ނުރައްކާތެރި ސްޕީޑުގައި ހައިވޭގައާއި ހުޅުމާލެ ތެރޭ ދުއްވައިގެން ހިނގި އެކްސިޑެންޓުތަކުގައި ބޮޑެތި އަނިޔާތަކެއް މީހުންނަށްވެ، ބައެއް މީހުން ދުނިޔެ ދޫކޮށްފައި ވެސް އެބަހުއްޓެވެ.