07 Mar 2024, 18:59
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ 'ދަތްދޮޅު ދުއްވައިނުލައި ހުރެވިދާނެ"ބާއޭ ވިދާޅުވެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ދެއްކެވި ވާހަކަތައް މަޖިލީހުން މިއަދު ކުށްވެރިކޮށްފިއެވެ.
އިއްޔެ މ. ދިއްގަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ މިހާރު މަޖިލީހުގައި ހިނގަމުން އަންނަ ކަންކަމުގެ ސަބަބުން، އޭނާ "މިއަދު އެތަނުގައި ހުރި ނަމަ، އެއިން މީހެއްގެ ދަތްދޮޅި ދުއްވައި ނުލައި ހުރެވޭނެބާއޭ،" ވިދާޅުވެ ސުވާލު އުފައްދަވައިފައެވެ.
މި ކަމާ ގުޅިގެން މަޖިލީހުން ނެރުނު ބަޔާނެއްގައިވަނީ އާދަމް ޝަރީފްގެ އެ ވާހަކަތަކަކީ މަޖިލީހުގެ މެމްބަރުންނަށް ހަމަލާދިނުމަށް ހިތްވަރު ލިބޭފަދަ ވާހަކަތަކެއްކަމަށެވެ.
އެއީ ވަޒީރަކު ދެއްކުން އެކަށީގެންނުވާ އަދި އެ ކަމަުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭނެ ފަދަ ކަމެއްގެ ގޮތުގައި ވެސް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ދެކެެވަޑައިގަންނަވާކަމަށް މަޖިލީހުން ނެރުނު ބަޔާނުގައިވެއެވެ.
"... ސަރުކާރުގެ ވަޒީރަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޖިސްމާނީ އަނިޔާދިނުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަފުޅު ދެއްކެވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ،" އެ ބަޔާނުގައިވެއެވެ.
އެއާއެކު މަޖިލީހުންވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކުރިފުޅުމަތީ ވަޒީރަކު އެ ފަދަ މޭރުމަކުން ވާހަކަދެއްކެވިތީ އެކަން ހަރުކަށި އިބާރާތަކުން ކުށްވެރިކޮށްފައެވެ. އަދި މަޖިލީހުގެ އިމްތިޔާޒަށް އަރައިނުގަތުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މިހާރު ރައީސް ކުރައްވަމުން އަންނަ ދަތުރުފުޅުތަކުގައި މަޖިލީހުގެ އިންތިޚާބުގެ ވާހަކަ ފާހަގަކުރައްވައެވެ. އަދި ސަރުކާރު ކެންޑިޑޭޓުން ހޮވުމަށް އެދިވަޑައިގެން ވަޒީރުންނާއި، ރައީސް ވެސް ވާހަކަފުޅުދައްކަވައެވެ.
އާދަމް ޝަރީފްގެ ވާހަަކަތައް ކުށްވެރިކޮށް މަޖިލީހުން ބަޔާން ނެރުނުއިރު ހަމަ މި ދަތުރާ ގުޅޭގޮތުން ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނެއް ބަތިލުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީންވަނީ އަންގައިފައެވެ. ނަމަވެސް އެއީ އެލްޖީއޭއަށް އެންގޭނެ އެންގުމެއް ނޫންކަމަށް ފަހުން ބަންޑާރަ ނައިބު ވިދާޅުވެފައިވެއެވެ.