08 Mar 2024, 10:26
ރީތި މިއުޒިކާ އެކު ލޯބީގެ ފިލްމުތައް ގެނެސްދެމުން އަންނަ ފިލްމު ކުންފުނި ޓީ-ސީރީސްގެ ކާމިޔާބު ފިލްމު "އާޝިޤީ"ގެ ތިންވަނަ ބައެއް އުފައްދަން އުޅޭ ކަމަށް ބުނެ ފަތުރަމުން އަންނަ ޚަބަރުތައް ޓީ-ސީރީސްއިން ދޮގުކޮށްފިއެވެ.
ފިލްމު "އާޝިޤީ3"ގެ ނަމުގައި ޓީ-ސީރީސްއިން ފިލްމެއް އުފައްދަން ނިންމާފައިވާ ކަމަށާއި ފިލްމުގެ ލީޑް ތަރިއަކީ އެކްޓަރު ކާތިކް އާރްޔަން ކަމަށާއި ޑައިރެކްޓަރަކީ ތަޖުރިބާކާރު ފިލްމު އުފެއްދުންތެރިޔާ އަނޫރާގް ބާސޫ ކަމަށް އެކި ފަހަރު މަތިން ނޫސްތަކުން ވަނީ ބުނެފައެވެ.
ޓީ-ސީރީސްއިން ނެރުނު ހާއްސަ ބަޔާނެއްގައި ބުނެފައިވަނީ ޑައިރެކްޓަރު އަނޫރާގު ބާސޫއާ އެކު އުފައްދަން ހުށަހަޅާފައިވަނީ "އާޝިޤީ" ފްރެންޗައިސްގެ ބައެއް ނޫން ކަމަށާއި އެއީ މުޅިން ތަފާތު ޖޯންރާއެއްގެ ފިލްމެއް ކަމަށެވެ.
ފިލްމު "އާޝިޤީ"ގެ ފްރެންޗައިސްގެ ދަށުން މިހާތަނަށް ރިލީޒްކުރި ތިން ފިލްމު ވެސް ގެނެސްދީފައި ވަނީ ފިލްމު ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓް އަދި މުކޭޝް ބަޓްގެ ލަފާގެ މަތިން ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މި ފްރެންޗައިސްގެ އުފެއްދުމެއް ގެނެސްދޭނީ ބަޓްސްއާ އެކު ކަމަށް ޓީ-ސީރީސްއިން ވަނީ ބުނެފައެވެ. ޓީ-ސީރީސްގެ ބަޔާނުގައި ބުނެފައިވަނީ ފިލްމު "އާޝިޤީ3"އަށް ބެލުންތެރިންގެ ގިނަ ބަޔަކު އިންތިޒާރުކުރި ނަމަވެސް މި ފްރެންޗައިސް އަލުން ދިރުވުމުގެ ޚިޔާލު އެ ކުންފުނިން އަދި ނުގެންގުޅޭކަމަށެވެ. އަދި، އެފަދަ ޕްލޭނެއް ކުރިއަށް އޮތް ތަނުގައި ރޭވި ނަމަވެސް އެ ފުރުސަތު ދޭން ބޭނުންވަނީ މަހޭޝް ބަޓް އަދި މުކޭޝް ބަޓްއަށް ކަމަށް ޓީ-ސީރީސްއިން ވަނީ ބުނެފައެވެ.

ފިލްމު "އާޝިޤީ2" އަދި "އާޝިޤީ1"ގެ މަންޒަރެއް-- ފޮޓޯ/ އިންޓަނެޓް
މީގެ 34 އަހަރު ކުރިން ޓީ-ސީރީސްއިން ރިލީޒްކުރި ފިލްމު "އާޝިޤީ 3"އަކީ މިއަދާ ހަމައަށް ވެސް ގިނަ ބައެއްގެ ހިތުން ފޮހެވިފައިވާ ނުވާ ތާރީޚީ ލޯބީގެ ފިލްމެކެވެ. ފިލްމުގެ ވާހަކައާ އެއްވަރަށް ފިލްމުގެ މިއުޒިކަކީ ވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި އަލްބަމެކެވެ.
ރާހުލް ރޯއި އަދި އަނޫ އަގަރްވާލް މި ފްރެންޗައިސްގެ ފުރަތަމަ ފިލްމުން ފެނުނު އިރު ބޮޑު މަގުބޫލުކަމެއް ހޯދި ދެވަނަ ފިލްމު "އާޝިޤީ2"ގެ ތަރިންނަކީ ބަތަލާ ޝްރަދާ ކަޕޫރު އަދި އަދިތިޔަ ރޯއި ކަޕޫރެވެ. ދެ ތަރިން ވެސް ފިލްމީ ދުނިޔެއަށް ތައާރަފުވި "އާޝިޤީ2"އަށް ފަހު މިއަދު މި ދެތަރިންނަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންގެ ތެރޭ ހިމެނޭ އެކްޓަރުންނެވެ.