08 Mar 2024, 12:19
އިސްރާއީލު ފައުޖުތަކުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ދުނިޔޭގެ ތާރީހުގައި ވެސް ނުފެންނަ ފަދަ ލާއިންސާނީ ރަހުމުކުޑަ ހަމަލާތަކުގައި ސަބަބުން ޝަހީދުވެފައިވާ ފަލަސްތީނު މީހުންގެ ހަށިތަކުން ގުނަވަންތައް ވަގަށް ނަގަން ފަށައިފިއެވެ.
އެ ތުހުމަތުތަކަކީ ވަރަށް ގަބޫލުނުކުރެވޭ ތުހުމަތުތަކަކަށް ވެސް ވެދާނެއެވެ. ނަމަވެސް އެއީ އާ ކަމެއް ނޫނެވެ. އިސްރާއީލުން ވަނީ މީގެ ކުރިން ވެސް އެ މީހުން ޝަހީދުކޮށްލައިފައިވާ ފަލަސްތީނު މީހުންގެ ހަށިތަކުން ގުނަވަންތައް ނަގައިފައެވެ.
އެގޮތުން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ދައްކާ ގޮތުގައި އިސްރާއީލުގެ ދިރާސާ ކުރާ މީހަކު ބުނީ އެ މީހުން ގުނަވަންތައް ނަގަނީ މަރުވެފައިވާ ފަލަސްތީނު މީހުންގެ ހަށިތަކުންނާއި، އިސްރާއީލަށް ހިޖުރަކޮށްފައިވާ މީހުން އަދި އެ ގައުމުގައި މަސައްކަތްކުރާ ބޭރު މީހުންގެ މަރުވެފައިވާ ހަށިތަކުން ކަމަށެވެ. އަދި, މަރުވެފައި ތިބޭ އިސްރާއީލު ސިފައިންގެ މީހުންގެ ހަށިގަނޑުތަކުގައި އަތްނުލާ ކަމަށް އޭނާ ބުނެއެވެ.
ކުރިން 1996 ވަނަ އަހަރާއި 2002 ވަނަ އަހަރާ ދެމެދު ޝަހީދުކޮށްލައިފައިވާ ފަލަސްތީނު މީހުންގެ ހަށިތަކުން ގުނަވަންތައް ނަގާތަން ފެނިފައިވާ ކަމަށް ވެސް އޭނޭ ބުނެފައިވެއެވެ. އެ މީހުން އެ ގުނަވަންތައް ބޭނުންކުރަނީ ހާލުދެރަވެ ނުވަތަ ބަލި އިސްރާއީލު މީހުންގެ ހަށިގަނޑުތަކުގައެވެ.
އިސްރާއީލުގައި ހުރި ހަމައެކަނި ފޮރެންސިކް އިންސްޓިއުޓްގެ ޗީފް ޕެތޯލޮޖިސްޓް ޔަހޫދާ ހިސްވެސް ވަނީ އެކަން އިސްރާއީލުން ކުރާކަން ކަށަވަރުކޮށްދީފައެވެ. ޝަހީދުކޮށްލައިފައިވާ ފަލަސްތީނު މީހުންގެ ހަށިތަކުން ގުނަވަންތައް އޭނާއާއި އޭނާގެ ޓީމުން ނަގައިފައިވާ ކަމަށާއި އަދި އެކަން ކޮށްފައިވަނީ ފަލަސްތީނު މީހުންގެ ހުއްދައަކާނުލައި ކަމަށް ވެސް ޔަހޫދާ ވަނީ ބުނެފައެވެ.
އިސްރާއީލުން އެކަން ކުރާ ކަމުގެ ތުހުމަތު 1992 ވަނަ އަހަރު ވެސް ވަނީ ކޮށްފައެވެ. އެގޮތުން އެ އަހަރު އިސްރާއީލުން ބަޑި ޖަހައި މަރާލި ފަލަސްތީނުގެ ބިލާލް ގަނޭމް މަރައިލުމަށް ފަހު ހޮސްޕިޓަލަށް ގެންގޮސް، އޭގެ ފަހުން ބިލާލުގެ ހަށިގަނޑު އާއިލާއާ ހަވާލުކުރިއިރު، މުޅި ހަށިގަނޑު އޮތީ އެތަން މިތަނުން ފަހަފައިއެވެ. އޭނާގެ ހަށިގަނޑު ބައެއް ގުނަވަންތައް ނަގައިފައިވާ ކަމަށް ބިލާލުގެ އާއިލާއިން އޭރު ތުހުމަތުކުރިއެވެ.
އިސްރާއީލުން ޣައްޒާގައި މިހާރު ކުރިއަށް ގެންދާ ހަނގުރާމައިގައި ވެސް ކަންތައް ކުރަނީ ހަމަ އެގޮތަށެވެ. ޝަހީދުކޮށްލައިފައިވާ ފަލަސްތީނު މީހުންގެ ހަށިގަނޑުތައް އާއިލާއާ ހަވާލުކުރާއިރު، ކިޑްނީއާއި، މޭގަނޑު އަދި ހިތް ވެސް ނަގާފައިވާ ކަމަށް ފަލަސްތީނުގެ ޑޮކްޓަރުންނާ ހަވަލާދީ އާންމުކޮށްފައިވާ ވީޑިއޯގައި ބުނެއެވެ.
ހަށިގަނޑުތައް އާއިލާއާ ހަވާލުނުކުރާ ފަހަރު ވެސް އެބަހުއްޓެވެ. ފަލަސްތީނުގެ އެކްޓިވިސްޓެއް ކަމަށްވާ ޑރ މުސްތަފާ ބަރްގޯތީ މީގެ ކުރިން އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުން އިސްރާއީލުގެ ޖަލުތަކުގައި ހަމައެކަނި ބައިތިއްބައިފައިތިބީ ދިރިތިބި ފަލަސްތީނު މީހުން ނޫނެވެ. އެ މީހުން އަންނަނީ މަރުވެފައިތިބި ފަލަސްތީނު މީހުން ވެސް ޖަލުގައި ބައިތިއްބަމުންނެވެ.
އިސްރާއީލުގެ ޖަލުތަކުގައި ތިބެގެން ނުވަތަ އިސްރާއީލު ސިފައިން ބަޑިޖަހައި މަރާލި 398 މީހުން އޭރު ވެސް ޖަލުތަކުގައި ތިބި ކަމަށާއި މަރުވެފައި ތިއްބަސް ޖަލުގައި އޮންނަންޖެހޭ މުއްދަތު ހަމަކުރުމަށް ރެފްރިޖަރޭޓަރުތަކުގައި އެ މީހުން ބައިތިއްބައިފައިތިބި ކަމަށް މުސްތަފާ ބުންޏެވެ.
އިސްރާއީލުންގެ އަނިޔާވެރިކަން އެ މިންވަރަށް ހައްދު ފަހަނައަޅައި ގޮސްފައިވާއިރު ވެސް، ދުނިޔޭގެ އެއްވެސް ބާރަކަށް އެ ހަނގުރާމަ ހުއްޓައިލުމަށް ވަނީ ނުކުޅެދިފައެވެ.
ހަނގުރާމަ ހުއްޓައިލުމަށް އެދި ބައިނަލްއަގުވާމީ މުޖުތަމައުން އެކި ގޮތްގޮތަށް ގޮވައިލަމުން އަންނައިރުވެސް އިސްރާއީލުން އަންނަނީ އެ އަޑު ނާހައި ހަނގުރާމަ އިތުރަށް ފުޅާކުރަމުންނެވެ. އަދި، ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތާ ދެކޮޅަށް ނުކުމެ ކާމިޔާބު ނުހޯދެނީސް ހަނގުރާމަ ހުއްޓައިނުލާނެ ކަމަށް އިސްރާއީލުން ބުނެއެވެ.