08 Mar 2024, 19:37
މިހާރުގެ ސަރުކާރުން ރާއްޖޭގެ ވެރިކަމަށް އައީ ފިތުނަ އުފައްދައިގެންކަމަށާއި މި ފަދަ ސަރުކާރަކުން ރައްޔިތުންނާއި ގައުމަށް ވާނެ އެއްވެސް ހެވެއް ނޯންނާނެ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒަށާއި، ސަރުކާރަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީން ގދ. ތިނަދޫގައި މަޖިލިސް ކެމްޕޭނު ފެށި ޖަލްސާގައި، ޝާހިދު ވިދާޅުވީ މި ސަރުކާރުގެ ވާހަކަ ދައްކާއިރަށް ނުވަތަ ރައީސް މުއިއްޒުގެ ވާހަކަ ދައްކާއިރަށް ރައްޔިތުންގެ ދުލު ކުރިޔަށް އަންނަނީ "ދޮގު ދޮލަނގު" ކަމަށާއި، މި ސަރުކާރަށް ރައްޔިތުން މިހާރު އިތުބާރު ވެސް ނުކުރާ ކަމަށެވެ.
"ފިތުނަ އުފައްދައިގެން ވެރިކަމަށް އައި ސަރުކާރު މިއަދު މިއޮތީ. ފިތުނައަކުން ހެވެއް ނުނިކުންނާނެ. ދޮގަކުން ހެވެއް ނުލިބޭނެ. ދޮގެއްގެ މައްޗަށް ރަނގަޅު ބިނާއެއް ނުކުރެވޭނެ. އެ ހަގީގަތާ ރައީސް މުއިއްޒު ކުރިމަތިލައްވަން ޖެހިވަޑައިގެންފައި އެ އޮތީ،" ޝާހިދު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ހައްދަވައިފައިވާ ދޮގުތަކުން ސަލާމަތްވުމަށް އިތުރަށް 10 ދޮގު ހައްދަވަމުން ގެންދަވާކަމީ މިއަދު ހަގީގަތް ކަމަށް ވެސް ޝާހިދު ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބައާ ގުޅުވައި ޝާހިދު ވިދާޅުވީ، ރައީސް މުއިއްޒު މިއަދުން ފެށިގެން ދޮގު ހެދުން ހުއްޓާލަން ޖެހޭ ކަމަށާއި، އަދި ހުރިހާ ކަނބަލުންނަށް ދެން އިތުރަށް ދޮގު ނަހަދާނެ ކަމުގެ ޔަގީންކަން ދެއްވަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ރައީސް މުއިއްޒުއަށް ދަންނަވާލަން އޮތީ ހުއްޓާލައްވާށޭ. ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގައި ރައީސް މުއިއްޒު ރާއްޖޭގެ ހުރިހާ ކަނބަލުން ކުރިމަތީގައި ވިދާޅުވެދެއްވަންވީ މީގެ ފަހުން ތިމަންނާ ދެން ދޮގެއް ނަހައްދަވާނަމޭ" ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީއަކީ އަންހެނުން ބާރުވެރި ކުރުވުމަށް އެންމެ ބުރަ މަސައްކަތް ކުރަމުން އަންނަ ޕާޓީކަން ފާހަގަކުރައްވައި، ޝާހިދު ވިދާޅުވީ އެމްޑީޕީގެ ތާރީހަށް ބެލުމުން ވެސް އެކަން އެނގޭ ކަމަށެވެ.
އެގޮތުން އެމްޑީޕީގެ ނިމިދިޔަ ވެރިކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އަންހެނުންގެ ކަންކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.