ދަރުމާ ކުންފުނިން 2022ވަނަ އަހަރު ރިލީޒްކުރި ފެންޓަސީ އެކްޝަން އެޑްވެންޗާ "ބްރައްމަސްތުރާ: ޕާޓް ވަން"ގެ ރޯލަކަށް ނޫނެކޭ ބުނުމުން ބައެއް ޕްރޮޑިއުސަރުން ބްލެކްލިސްޓު ކުރިކަމަށް އުއްމީދީ އެކްޓަރު ސިދާތު ޗަތުރުވެދީ ބުނެފިއެވެ.

ޒޯޔާ އަޚްތަރުގެ ފިލްމު "ގައްލީ ބޯއި"އިން 2019ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފuވި އެކްޓަރު ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، "ބްރައްމަސްތުރާ" ފިލްމުން ފުރުސަތު ލިބުނުއިރު އެ ރޯލާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ސްކްރިޕްޓެއް ވެސް ޕްރޮޑަކްޝަން ކުންފުނިން ނުދޭ ކަމަށެވެ. ފިލްމާ ބެހޭގޮތުން ހަމައެކަނި ލިބުނު މައުލޫމާތަކީ، ފިލްމަކީ ތިން ސީރީސްއަކަށް ބެހިފައިވާ ފިލްމެއްކަމާ އެއީ ފެންޓަސީ އެޑްވެންޗާއެއްކަން ކަމަށް ސިދާތު ވަނީ މީޑިއާއަށް ދިން އިންޓަވިއުގައި ބުނެފައެވެ.

ފިލްމުން ފުރުސަތު ލިބުނު ނަމަވެސް "ބްރައްމަސްތުރާ"އިން ސިދާތުއަށް ހުށަހެޅި ރޯލާ ބެހޭ މައުލޫމާތު ފުރިހަމައަށް ނުލިބުމުން ދިގު މުއްދަތަކަށް އެއް ޕްރޮޖެކްޓަކަށް ހުސްވެ ހުންނަން އެކްޓަރު ބޭނުންނުވީ ކަމަށް ޒުވާން އެކްޓަރު ވަނީ ބުނެފައެވެ.

ސިދާތު ފިލްމީ ދާއިރާއަށް ތައާރަފުވި ފިލްމު "ގައްލީ ބޯއި" ރިލީޒްކުރި ވެސް "ބްރައްމަސްތުރާ" ސިނަމާތަކަށް ނާންނަ ކަމަށާއި އެ ފިލްމުން ލިބުނު ފުރުސަތަށް ނޫނެކޭ ބުނުން އެއީ އޭރު ނިންމި އެންމެ ރަނގަޅު ނިންމުން ކަމަށް މިހާރު ގަބޫލުކުރެވޭ ކަމުގައި ސިދާތު ވަނީ ބުނެފައެވެ. ފިލްމު "ބްރައްމަސްތުރާ" ސިނަމާތަކަށް އައިއިރު ސިދާތަށް ހުށަހެޅި ރޯލް ފިލްމުގައި ހިމަނާފައި ނުވާކަމަށާއި އެއިންވެސް އެނގެނީ ޕްރޮޑަކްޝަން ހައުސްއިން ސިދާތަށް ހުށަހެޅި ރޯލްގެ ޔަގީންކަން ކުޑަކަން ކަމުގައި އެކްޓަރު ވަނީ ބުނެފައެވެ.

އެހެންނަމަވެސް ހިތާމައަކީ ބޮޑު ފިލްމު ކުންފުންޏަކުން ހުށަހެޅި ކުޑަ ރޯލަކަށް ނޫނެކޭ ބުނުމުން ސިދާތުގެ ނަން ބަޔަކު މީހުން އޭރު ބަދުނާމުކުރި ކުރުންކަމަށް ޢުމުރުން 30 އަހަރުގެ އެކްޓަރު ވަނީ ބުނެފައެވެ.

ފިލްމު "ގެހެރާއިއާ" އަދި "ކޯ ގަޔޭ ހަމް ކަހާ"އިން އެންމެ ފަހުން ފެނުނު އެކްޓަރު ދެން އެންމެ އަވަހަށް ފެންނާނީ "ޔުދުރާ"ގެ ނަމުގައި އުފައްދާ ފިލްމަކުންނެވެ. މީގެ އިތުރުން، ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކަށް ސިދާތު ސޮއިކޮށްފައިވާ ކަމަށްވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.