ފިލްމީ ތަރި ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީގެ ދެވަނަ ބޮލީވުޑް ފިލްމުގެ ބަތަލާ އަކީ ޕޫޖާ ހެގްޅޭ ކަމަށް އިއުލާނުކޮށް، ފިލްމު ސިނަމާތަކަށް ގެންނާނެ ދުވަސް އިއުލާނުކޮށްފިއެވެ.

އަހާންގެ ފުރަތަމަ ބޮލީވުޑް ފިލްމު "ތަޅަޕް"ގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ، "ސާންކީ"ގެ ނަމުގައި ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރުންނަކީ އަލަށް ފިލްމު ޑައިރެކްޝަނަށް ނުކުންނަ އަދުނާނު ޝައިހް އަދި ޔާސިރު ޖާހުއެވެ.

ސައުތު ސިނަމާގެ ގިނަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ޕޫޖާއާ އެކު އަހާން ފެންނާނެ ފިލްމު "ސާންކީ" ބެލުންތެރިންނާ ހަމައަށް ގެންނަން ނިންމާފައިވަނީ އަންނަ އަހަރުގެ ލޯބިވެރިންގެ ދުވަސް 14 ފެބްރުއަރީގައެވެ. އަހާން ބޮލީވުޑް ނުކުތް ފުރަތަމަ ފިލްމު "ތަޅަޕް"އިން އޭނާއާ އެކު ފެނިގެންދިޔައީ ޒުވާން ބަތަލާ ތާރާ ސުތާރިއާއެވެ. މި ފިލްމުގައި އަހާން ދެއްކި އެކްޓިންގްއަށް ކްރިޓިކް މެންބަރުންގެ ތައުރީފު ލިބުނުއިރު ފިލްމަށް ބެލުންތެރިންގެ ފަރާތުން ވެސް ބޮޑު ތަރުހީބެއް ލިބުނެވެ. ފިލްމު "ތަޅަޕް"އަކީ 2018 ވަނަ އަހަރު "އާރްއެކްސް 100"ގެ ނަމުގައި އުފެއްދި ތެލުގޫ ފިލްމުގެ ރިމޭކްއެކެވެ.

ފިލްމު "ތަޅަޕް"ގެ މަންޒަރެއްގައި އަހާން ޝެޓީ ބަތަލާ ތާރާ ސުތާރިއާ އާއެކު-- ފޮޓޯ/ ޓެލެގްރާފްއިންޑިއާ

އަހާންގެ ދެވަނަ ފިލްމެއް ރިލީޒްކުރާނެކަން އިއުލާނުކޮށްފައި މިވަނީ ބެލުންތެރިން އެކްޓަރުގެ ފިލްމަކަށް އިންތިޒާރު ކުރާތާ އެތައް ދުވަހެއް ވެފައި ވަނިކޮށެވެ.

ސުނިލް ޝެޓީގެ ދެ ކުދިންގެ ތެރެއިން އަހާން ފިލްމީ ދާއިރާއަށް ނުކުމެފައިވާއިރު އަންހެން ދަރިފުޅު އަތިޔާ ޝެޓީ ވެސް ވަނީ ފިލްމީ ދާއިރާއަށް ނުކުމެފައެވެ. ވަރަށް މަދު ފިލްމުތަކަކުން ބެލުންތެރިންނާ ބައްދަލުކުރި ބަތަލާގެ ފިލްމުތަކަށް ލިބެމުންދިޔަ ނާކާމިޔާބީއާ އެކު މިހާރު އަތިޔާ ޝެޓީ ވަނީ ފިލްމީ މަސައްކަތްތަކާ ވަރަށް ބޮޑަށް ދުރަށް ގޮސްފައެވެ. އެހެންނަމަވެސް ފިލްމީ ދާއިރާގެ ބައެއް އިވެންޓުތަކުންނާއި އިޝްތިހާރުތަކުން އަދިވެސް އަތިޔާ ފެނެއެވެ.