އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލާއި ބްރެންޓްފަޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް އާސެނަލް އަރައިފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލުންނެވެ.

އާސެނަލުން މި މެޗު ފަށާފައިވަނީ އެ ޓީމު މި މެޗު ކާމިޔާބުކޮށްފިނަމަ ތާވަލްގެ އެއްވަނައަށް ވަގުތީ ގޮތުން ނަމަވެސް އަރާނެކަން އެނގޭތީ ވަރަށް ފޯރީގައެވެ.

މިގޮތުން ބްރެންޓްފަޑްއިން ފެނިގެންދިޔައީ އާސެނަލްގެ ހަމަލާތައް ދިފާއު ކުރުމުގައި އުޅުނު ތަނެވެ. އަދި ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 19 ވަނަ މިނެޓުގައި އާސެނަލްއިން ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިދިނުމެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ކައި ހަވާޓްޒްއަށް ވަނީ މި މެޗުގައި ލަނޑެއް ޖެހުމަށް ލިބިގެންދިޔަ އެންމެ ހުސް ފުރުސަތު ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސްކޮށް ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގައި ބްރެންޓްފަޑްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ އާސެނަލްގެ ގޯލު މި މެޗުގައި ބެލެހެއްޓި އާރޮން ރަމްސްޑޭލަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޔޮއާން ވީސާއެވެ.

މި މެޗުން އާސެނަލް މޮޅުވި ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ހަވާޓްޒްއެވެ.

މި ކާމިޔާބީއާއެކު އާސެނަލް މިހާރުވަނީ ކުޅުނު 28 މެޗުން ލިބިފައިވާ 64 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ތާވަލްގެ އެއްވަނައަށް އާސެނަލަށް އެރުނު ފުރަތަމަ ފަހަރެވެ.