10 Mar 2024, 15:42
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ރީ ރެޖިސްޓާވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވައިލައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މަޖިލިސް އިންތިޚާބަށް ވޯޓުލުމަށް މިއަދުން ފެށިގެން ރީ ރެޖިސްޓާވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، މި މުއްދަތު ދެމިގެންދާނީ މި މަހުގެ 16 ވަނަ ދުވަހުގެ 03:00 ގެ ނިޔަލަށް ކަމަށެވެ.
އޭނާގެ އެ ޕޯސްޓުގައި ވަނީ ރީރެޖިސްޓާ ކުރަން ބޭނުންވާ ފަރާތްތަކުން ދުރައިލާ އޮންލައިންކޮށް ރީރެޖިސްޓާ ކުރެއްވުމަށް އެދިފައެވެ.
ރޯދަމަހު އިންތިޚާބު ނުބޭއްވޭހެން ގެނައި އިސްލާހު ރައީސް ޑރ. މުޙައްމަދު މުއިއްޒު އެންމެ ފަހުން ތަސްދީގުކުރެއްވުމާ އެކު، ކުރިން މި މަހު 17 ގައި ބާއްވަން އޮތް އިންތިޚާބު ފަސްކުރަންޖެހުނީއެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމީ އަންނަ މަހު 21ގައި އިންތިީޚާބު ބާއްވާށެވެ. އެއީ، އާދިއްތަ ދުވަހެކެވެ.
އީސީން މީގެ ކުރިން ބުނީ މި އަހަރުގެ މަޖިލިސް އިންތިޚާބަށް ރީރެޖިސްޓާ ވެވޭނީ އޮންލައިންކޮށް ކަމަށެވެ.
އެގޮތުން އެއްވެސް ކަރުދާސް ފޯމެއް ބަލައިނުގަންނާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އީ ފާސް ނުވަތަ އިލެކްޝަންގެ ރީރެޖިސްޓްރޭޝަންލިންކުމެދުވެރިކޮށް އޮންލައިންކޮށް ރީ ރެޖިސްޓާ ކުރެވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ. އަދި، އީ ފާސް ފެއިލްވާ ހާލަތެއްގައި އިލެކްޝަން ޕޯޓަލް މެދުވެރިކޮށް އެކަން ކުރެވޭނެ ކަން ވެސް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.