ކްރިމިނަލް ކޯޓުގައި ކުރިޔަށްދާ ޝަރީޢަތުގެ އަޑުއެހުންތަކާއި، ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުންތައް އަނެއްކާވެސް އޮންލައިންކޮށް ބާއްވަން މިއަދު ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން އާންމުކުރި އިޢުލާނެއްގައިވަނީ، އެ ކޯޓުގެ ސާވާ ރައްކާތެރި މާހައުލަކަށް މިހާރު ބަދަލުކޮށްފައިވާތީ، މާދަމާއިން ފެށިގެން އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ކޯޓުގެ ޣާޒީންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ޝަރީޢަތްތައް އަޑުއެހުމުގެ ގޮތުންނާއި ޝަރީޢަތް އަޑުއެހުމަށް ބޭނުންވާ ނޫސްވެރިންނަށް ވެސް އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ވެސް އެ އިޢުލާނުގައިވެއެވެ.

މި އަހަރު ފެށިގެން އައިއިރު، ރާއްޖެއަށް ކުރަމުން އައި ވިއްސާރައިގެ ސަބަބުން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ކުރިއަށް ގެންދިއުން ހުއްޓައިލާނެ ކަމަށް ކްރިމިނަލް ކޯޓުން އިޢުލާނުކުރީ ޖެނުއަރީ 11ގައެވެ.

އޭރު ކްރިމިނަލް ކޯޓުން ބުނީ، ވިއްސާރައިގެ އަސަރު ކޯޓުގެ ކަރަންޓު ވިއުގައަށް ކުރަމުން އަންނަ ކަމަށާއި ސާވާތަކަށް ފެނުގެ އަސަރުކޮށް، އެކި ވަގުތުތަކުގައި، ނެޓްވޯކް ކެނޑެމުންދާ ކަމަށެވެ.

އެހެންވެ ސާވާތައް ރައްކާތެރިކުރުމުގެ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރާތީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ ގޮތެއް އޭރު ނެތްކަމަށް އެ ކޯޓުން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓު ހިންގާ އިމާރާތަކީ ވަރަށް ބޮޑަށް ބާވެފައި ހުރި ތަނެކެވެ. އެ ކޯޓުގައި ޝަރީއަތް ހިންގާ ކޮޓަރީގައި ވެސް ރެނދުލައި، ބައެއް ތަންތަން ވެއްޓިފައި ވެސް އެބަހުއްޓެވެ.

މީގެ ކުރިން ވެސް ވިއްސާރަވެ ކޯޓަށް ފެން ވަނުމުން، މަސައްކަތް ކުރަން ދަތިވެ، މަސައްކަތް ހުއްޓައިލަން ޖެހިފައި ވެސް އެބަހުއްޓެވެ.