މާދަމާއަކީ މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަސްކަން އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

މިނިސްޓްރީން އެކަން އިޢުލާން ކުރީ، ރޯދަ މަހަށް ހަނދު ސާބިތު ކުރުމަށް ޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށް ފަހު ކުރެއްވި އިއުލާނެއްގައެވެ.

މިނިސްޓްރީން ބުނީ، މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ރާއްޖޭގެ ބައެއް ރަށްރަށަށާއި އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވާތީ ކަމަށެވެ.

އެހެންކަމުން، ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

ދިވެހިރާއްޖޭގައި ރޯދަ މަސް ފެށުމުގައި އަމަލު ކުރާ އުސޫލަކީ ދިވެހިރާއްޖެއަށް އިރުއޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ރެއެއްގައި ދިވެހިރާއްޖެއަށް ނުވަތަ އެހެން އިސްލާމީ ގައުމަކަށް ހަނދު ފެނިއްޖެނަމަ ދެން ޖެހިގެން އަންނަ ދުވަހު ރޯދަ ހިފާން ފެށުމެވެ.