އެކްސިޑެންޓު ވުމުން ފުލުހުންނަށް ރިޕޯޓު ނުކޮށް އެ ސަރަހައްދުން ދިޔަ ބަޔަކު ފުލުހުން ހޯދަން ފަށައިފިއެެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މި މައްސަލައަކީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނުން ބަލަމުން އަންނަ މައްސަލައެއް ކަމަށެވެ.

އެ އެކްސިޑެންޓު ވުމުން ރިޕޯޓު ނުކޮށް ސީން ދޫކޮށް ދިޔަ ބަޔަކު ހޯދަން ބޭނުންވެ، އެއީ ކޮން ބައެއް ކަން ނޭނގޭތީ ހޯދިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އެ މައްސަލައިގައި ހިމެނޭ މީހުން ހޯދުމަށްޓަކައި ފުލުހުން ވަނީ ވީޑިއޯއެއް އާންމު ކޮށްފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓު ހިނގައިފައިވަނީ ސައިކަލެއް، ޕާކު ކޮށްފައި އޮތް ކާރެއްގައި ޖެހިގެންނެވެ. އަދި މި އެކްސިޑެންޓު ހިނގާ ފަހުން ގިނަ ބަޔަކު އެތަނަށް އެއްވާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ. ސައިކަލު ހިފައިގެން ސީން ދޫކޮށް އެމީހުން ދަނީ އެއަށް ފަހުގައެވެ.

މިކަމާ ގުޅިގެން އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތު ހުލުމާލޭ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު، 9980062އަށް ގުޅައި ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

ރާއްޖޭގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް އެންމެ ގިނައީ މާލޭ ސަރަހައްދުގައެެވެ.

ފުލުހުން އާންމުކުރި ހިސާބުތައް ދައްކާގޮތުން ނިމިދިޔަ އަަހަރުގެ ތިންވަނަ ކުއާޓަރުގައި ދެވަނައަށް އެންމެ ގިނައިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކެވެ. ތިންވަނަ ކުއާޓަރުގައި އެކަނި ވެސް 1116 އެކްސިޑެންޓު ރިޕޯޓުކުރިއެވެ.

އޭގެ ތެރެއިން 606 އެކްސިޑެންޓެއްގެ މައްސަލަ ލޮޖުކޮށް ބަލައިފައިވެއެވެ. އޭގެ ތެރެއިން 549 މައްސަލަ ބަލައި ނިންމިއިރު ދައުވާކުރަން ފޮނުވީ އެންމެ މައްސަލައެއްގައެވެ.