12 Mar 2024, 21:14
އެމެރިކާގެ ކެލިފޯނިއާގައި މިހާރު ކުރިއަށްދާ އިންޑިއަން ވެލްސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ހަތަރު ވަނަ ބުރުން މިމުބާރާތުގައި ދެވަނަ އަށް ސީޑް ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާ ޖާގަހޯދައިފިއެވެ.
މި މުބާރާތުގެ ހަތަރު ވަނަ ބުރުން ސަބަލެންކާ ޖާގަ ހޯދާފައިވަނީ ތިންވަނަ ބުރުގައި އިނގިރޭސިވިލާތުގެ އެމާ ރަޑުކާނޫ އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ހައެއް ތިނަކުން ސަބަލެންކާ ކާމިޔާބު ކުރިއިރު ދެވަނަ ސެޓް ކާމިޔާބު ކޮށްފައިވަނީ ހަތެއް ފަހަކުންނެވެ. މިކާމިޔާބީއާއެކު މިމުބާރާތުގެ ހަތަރުވަނަ ބުރުގައި ސަބަލެންކާ ބައްދަލުކުރާނީ 23 ވަނައަށް ސީޑް ކުރެވިފައިވާ އެމެރިކާގެ އެމާ ނަވާރޯ އާއެވެ.
މި މުބާރާތުގެ ހަތަރު ވަނަ ބުރުން އެމާ ނަވާރޯ ޖާގަހޯދީ ތިންވަނަ ބުރުގައި 16 ވަނައަށް ސީޑް ކުރެވިފައިވާ ޔޫކްރެއިންގެ އެލީނާ ސްވިޓޮލީނާ އާއި ބައްދަލުކުރި މެޗު ދެ ސެޓް އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ.
އެއީ ހައެއް އެކެއް، ހަތަރެއް ހައެއް އަދި ހައެއް ތިނަކުންނެވެ. މިމުބާރާތުގައި ތިންވަނައަށް ސީޑް ކުރެވިފައިވާ އެމެރިކާގެ ކޯކޯ ގައުފްއާއި އިޓަލީވިލާތުގެ ލޫސިއާ ބްރޮންޒޭޓީ ބައްދަލުކުރި މެޗު ސިދާ ދެ ސެޓުން ކާމިޔާބު ކޮށް ގައުފް ވެސްވަނީ މި މުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަހޯދައިފައެވެ.
އޭނާ މިމެޗު ކާމިޔާބު ކޮށްފައިވަނީ ހައެއް ދެއެއް އަދި ދެވަނަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ފަހަކުންނެވެ. ގައުފް ހަތަރު ވަނަ ބުރުގައި ބައްދަލުކުރާނީ 24 ވަނައަށް ސީޑު ކުރެވިފައިވާ އެލީސް މާޓެންސްއާއެވެ.
މާޓެންސް ހަތަރުވަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި ޖަޕާންގެ ނައޯމީ އޮސާކާ އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ހަތެއް ފަހެއް އަދި ހައެއް ހަތަރަކުން ކާމިޔާބު ކޮށްގެންނެވެ.
މީގެއިތުރުން ނުވަވަނައަށް ސީޑު ކުރެވިފައިވާ މާރިއާ ސަކާރީ އާއި 20 ވަނައަށް ސީޑު ކުރެވިފައިވާ ކެރޮލީން ގާސިއާ ބައްދަލުކުރި މެޗު ސިދާ ދެސެޓުން ކާމިޔާބުކޮށް ސަކާރީ ވެސް ވަނީ ހަތަރު ވަނަ ބުރުން ޖާގަ ހޯދައިފައެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ހަތަރަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.