12 Mar 2024, 21:23
އެމެރިކާގެ ކެލިފޯނިއާގައި މިހާރު ކުރިއަށްދާ އިންޑިއަން ވެލްސް އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުން މިމުބާރާތުގައި އެއް ވަނައަށް ސީޑު ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗް ބަލިވެއްޖެއެވެ.
ޖޯކޮވިޗް ބަލިވެފައިވަނީ އިޓަލީވިލާތުގެ ސީޑު ނުކުރެވޭ ކުޅުންތެރިއެއް ކަމަށްވާ ކޫލާ ނާޑީ އާއި ބައްދަލުކުރި މެޗުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު އުމުރުން 20 އަހަރުގެ ނާޑީ ހައެއް ހަތަރަކުން ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓު ޖޯކޮވިޗް ވަނީ ތިނެއް ހަޔަކުން ކާމިޔާބު ކޮށް އެއްވަރު ކޮށްފައެވެ.
މި ނަތީޖާއާއެކު މިމެޗުގެ ފަހު ސެޓު ޖޯކޮވިޗް ކާމިޔާބު ކުރާނެ ކަމަށް ހީވިނަމަވެސް ގިނަ ބަޔަކު ހީކުރި ގޮތާއި ހިލާފަށް ފަހު ސެޓު ހައެއް ތިނަކުން ކާމިޔާބު ކޮށްފައިވަނީ ނާޑީއެވެ.
މި މުބާރާތުގެ ކޮލިފައިން ގައި ބަލިވުމުގެ ސަބަބުން މުބާރާތުން ކެޓި ނާޑީއަށް މިމުބާާރާތުން ޖާގަ ލިބިގެންދިޔައީ އެންމެ ފަހު ވަގުތު އެއް ކުޅުންތެރިއެއް މުބާރާތުން ވަކިވުމާއި ގުޅިގެންނެވެ.
އެހެންކަމުން މިއީ އޭނާ ދުވަހަކު ވެސް ހަނދާން ނެތޭނެ ކާމިޔާބީއެއް ނޫނެވެ. އަދި މިއާއެކު ނާޑީ ވެފައިވަނީ އޭޓީޕީ މާސްޓާސް ވަން ތައުޒަންޑް އަދި ގްރޭން ސްލޭމް މުބާރާތެއްގައި މިހާތަނަށް ޖޯކޮވިޗް ބަލިކުރި އެންމެ ދަށުން ރޭންކް ކުރެވިފައިވާ ކުޅުންތެރިޔާއަށެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ނާޑީ ވަނީ މިއީ އަޖައިބެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ޖޯކޮވިޗް ހާމަކުރިގޮތުގައި އަހަރުގެ މިހާތަނަށް އައި އިރު ތައްޓެއް ނުލިބި އޮތުން މިއީ އޭނާއަށް އާދަވެގެން ދިމާވާކަމެއް ނޫންކަމަށެވެ.
ނަމަވެސް ކުރިއަށް އޮތް ތާންގާ އަދި ބައެއް ތަށި ލިބޭނެކަމަށް އުންމީދު ކުރާކަމުގައި ވެސް އޭނާ ހާމަކުރިއެވެ. އަދި މިހާރު ހުރިހާ މުބާރާތަށް ފޯކަސް ކުރުމުގެ ބަދަލުގައި ބައެއް މުބާރާތްތަކަށް ސަމާލުކަން ދިނުމުން ވެސް ލިބޭ ތަށި މަދުވާނެކަން އެނގޭކަމުގައި ވެސް އޭނާ ހާމަކުރިއެވެ.
މިކާމިޔާބީއާއެކު މިމުބާރާތުގެ ހަތަރު ވަނަ ބުރުގައި ދުނިޔޭގައި 123 ވަނައަށް ރޭންކް ކުރެވިފައިވާ ނާޑީ ބައްދަލުކުރާނީ 17 ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޮމީ ޕޯލްއާއެވެ.
ޕޯލް މި މުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދީ ފަރަންސޭސިވިލާތުގެ އޫގޯ ހަމްބާޓް އާއި ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުންނެވެ.