13 Mar 2024, 13:39
ޣައްޒާއަށް އިންސާނީ އެހީ ހިފައިގެންދާ ބޯޓު ސައިޕްރަސްއިން ފުރައިފިއެވެ.
ދުވިސައްތަ ޓަނުގެ އެހީ ހިފައިގެންދާ އެ ބޯޓަކީ ކަނޑުމަގުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ފެށުމުގެ ޕައިލެޓް ޕްރޮޖެކްޓުގައި ހިމެނޭ ބޯޓެކެވެ.
އެ ބޯޓުން މައިގަނޑު ގޮތެއްގައި އުފުލާނީ ފުށާއި ހަނޑޫ އަދި ޕްރޮޓީންއެވެ. އެ އެހީގެ މަޝްރޫއަކީ އެކުވެރި އަރަބި އިމާރާތް،(ޔޫއޭއީ) އިން ފަންޑުކޮށްގެން އެމެރިކާގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުއިއްޔާއެއް ކަމަށްވާ ވޯލްޑް ސެންޓްރަލް ކިޗަން (ޑަބްލިއުސީކޭ) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ސައިޕްރަސްއިން ޣައްޒާއަށް ކުރާ އެ ދަތުރަށް ގާތްގަނޑަކަށް 15 ގަޑިއިރު ނަގައެވެ. ސައިޕްރަސް އޮންނަނީ ޣައްޒާގެ ހުޅަނގު އުތުރުން 200 މޭލު ދުރުގައެވެ.
ސައިޕްރަސްއިން ފުރި ބޯޓުގެ އިތުރުން އެމެރިކާގެ އެހެން ބޯޓެއްވެސް ކަނޑުމަގުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުން އަންނަ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެއެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށިފަހުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިސްރާއީލުން އޮތީ ވަރަށް ބޮޑަށް ދަތިކޮށްފައެވެ.
ކަނޑުމަގުން އިންސާނީ އެހީ ފޯރުކޮށްދެވޭނެ ފަދަ ބަނދަރެއް ފަލަސްތީނުގައި ނެތުމުން ވަގުތީ ފާލަމެއް އެޅުމަށް އެމެރިކާއިން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާންމުންނަށް ބޭނުންވާނެ އިންސާނީ އެހީ ލިބުން އޮތީ ދަތިވެފައެވެ. ކާނާއާއި ސާފު ބޯފެން އަދި ބޭސް ފަރުވާއިންވެސް މަހުރޫމުވެފައިވާ ޣައްޒާގެ އާންމުންގެ ގިނަ ބަޔަކު އަންނަނީ ބަނޑުހައިހޫނުކަންމަތީގައި ބަނޑަށް މަރުވަމުންނެވެ.
ހަނގުރާމަ ފެށުމުގެ ކުރިން ދުވާލަކު 500 އެހީގެ ގާފިލާ ޣައްޒާއަށް ވަންނަ ކަމަށް އދ އިން ހާމަކޮށްފައިވާއިރު، ހަނގުރާމައިގެ މިހާލަތުގައި އެ އަދަދާ ގާތަށްވެސް ޣައްޒާއަށް އެހީ ނުވަދެއެވެ.
އދ އިން ލަފާކުރާ ގޮތުގައި ސުންނާފަތިކޮށްލައިފައިވާ ޣައްޒާގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަށް ބަނޑުހައިހޫނުކަމުގެ ނުރައްކާ އޮތްއިރު، މިހާރު ލިބޭ މަދު އެހީއިން ދުވަހުގެ ބޭނުންތައް ނުފުއްދޭ ފަހަރު ގިނައެވެ.
އިސްރާއީލުގެ ހަމަލާގެ ސަބަބުން ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ގިނަ ބައެއް ގެދޮރު ދޫކޮށްލާފައިވާއިރު، ގިނަ ބަޔަކު ތިބީ ކާބޯތަކެއްޗާއި އަސާސީ ބޭނުންތަކަށް ބޭނުންކުރާނެ ސާމާނު މަދު ވަގުތީ ހިޔާތަކުގައެވެ.