13 Mar 2024, 14:10
އާންމު ފަރުދުންނަށް މިހާރަށްވުރެ ރަނގަޅަށް ސިއްހީ ޚިދުމަތުގެ އިންޝޫރެންސް ލިބޭނެ ގޮތެއް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ވަކިވަކި ފަރުދުންގެ ސިއްހީ ޚިދުމަތުގެ އިންޝޫރެންސް ކަވަރު ކުރުމުގައި ދިމާވާ އުނދަގުލާ ގުޅޭ ގޮތުން އާންމު ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އިންޝޫރެންސްގެ ނިޒާމަކީ ވަކި ގޮތަކަށް ކަނޑައެޅިފައިވާ ކަމަކަށްވާތީ، މިހާރަށްވުރެން ރަނގަޅު ގޮތަކަށް އެ ނިޒާމުގެ ކަންކަން ހަމަޖެއްސޭތޯ ކަމާބެހޭ އިދާރާތަކުގައި ދަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ބޭސްފަރުވާ ކުރުމުގައި ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމަށް މި ސަރުކާރުން ވަނީ ހިލޭ ބޭސްފަރުވާ ފޯރުކޮށްދޭ ސަރުކާރުގެ ސްކީމް އާސަންދަ، ތައިލޭންޑާއި ޔޫއޭއީއީއަށް ވެސް ފުޅާކުރުމުގެ މަސައްކަތް ފަށާފައެވެ.
އެ މަސައްކަތްތައް ފެށީ، މިހާރު އާސަންދަ ލިބޭ ގައުމުތަކަށް ވުރެ މާ ފެންވަރު ރަނގަޅު، މާ މަތީ ފަންތީގެ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސަން ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.