ފިޔަ ބިނދިފައި އިން މާކަނާއެއް ސަލާމަތްކުރުމަށް ޓަކައި ފުރަތަމަ ފަހަރަށް ރާއްޖޭގައި މާކަނާއެއްގެ ސާޖަރީއެއް ހިންގައިފައިވާކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭ، "މާކޭ"ގެ ނަމުން ނަން ދީފައިވާ މި މާކަނާ ފުރަތަމަ ފެނުނީ ރަސްފަންނުންނެވެ.

މާކޭ ފެނުނުއިރު މާކޭގެ ފިޔަގަނޑު އޮތީ ވަރަށް ބޮޑަށް ބިންދައިގެން ގޮސް ވެލި ވަދެ ވަރަށް ބޮޑަށް އިންފެކްޓްވެފައި ކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން މާކޭގެ ދެ ފިޔަ ވެސް އޮތީ ކޮށައިފެއެވެ.

ފިޔަ ބިނދިފައިވާ މާކަނާ "މާކޭ" ހޯދި ޓީމު --

މާކޭ ސަލާމަތްކުރީ އާމުންގެ ތެރެއިން ދެމަފިރިއަކުއެވެ. އެ ދެމަފިރިންނަކީ ޖަނަވާރުންނަށް އެހީތެރިވުމުގެ ގޮތުން ވޮލެންޓިއަރު ކުރާ ބައެކެވެ.

މިނިސްޓްރީން ބުނީ މާކޭގެ ސާޖަރީއަކީ ރާއްޖޭގައި ކުރެވުނު އެންމެ ފުރަތަމަ މާކަނާ ސާޖަރީ ކަމަށެވެ. އެހެންކަމުން ހޭނައްތަން ބޭނުންކުރާ މާސްކުތަކާއި، ސާޖަރީއަށް ބޭނުންވާ ބައެއް އާލަތްތައް ޖެހުނީ ރާއްޖެއިން ލިބޭ އާންމު ތަކެތިން ހަދަން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ސާޖަރީ ކޮށްފައިވަނީ އޮއޭސިސް ވެޓް ހޮސްޕިޓަލުގެ ޑރ. ގަންގާ ވިޖެސިންގެ ލީޑުގެ ދަށުން ޚާއްސަ ޓީމަކުންނެވެ.

ފިޔަ ބިނދިފައިވާ މާކަނާ "މާކޭ" އަށް ފަރުވާ ދެނީ --

މި ސާޖަރީގައި ރާއްޖޭގެ ފުރަތަމަ ޖަނަވާރުންގެ ޑޮކްޓަރު ކަމުގައިވި ޑރ. ޙުސައިން މިސްފާހް ސާމީ ވެސް ބައިވެރިވެ އެހީތެރިވި ކަމަށް ބުންޏެވެ.

މާކޭއަށް ބޭނުންވާ ފަރުވާ ހޯދީ އޮއޭސިސް ވެޓެރިނަރީ ހޮސްޕިޓަލުން ވެލްފެއާ ފޯ އައިލެންޑް ކެޓްސް އެންޖީއޯގެ ޚަރަދުގައެވެ. ފަރުވާ ކުރިއަށް ދިޔަ އެއް މަސް ދަވަހުގެ މުއްދަތުގައި މާކޭއަށް ކާންދީ ބެލެހެއްޓީ މާކޭ ހޮވި ދެމެފިރިންގެ އަމިއްލަ ގޭގައެވެ.

މާކޭގެ ފިޔަގަނޑަށް ފަރުވާ ދިނުމަށްފަހު އެމަރަލްޑް ރިސޯޓުގައި --

މާކޭގެ ފަރުވާއަށް ފަހު މާކޭއަށް ހިޔާވަހިކަން ހޯދުމަށް މަސައްކަތްކުރީ މާކޭގެ އެއް ފިޔަ ނެތުމުގެ ސަބަބުން ދޫކޮއްލެވެން ނެތީމައެވެ.

މާކޭއަކީ ގެއެއްގެ ގެންގުޅެވޭފަދަ ދޫންޏެއްކަމަށް ނުވުމުން މާކޭއަށް ރައްކާތެރި މާހައުލެއް ހޯދުމަށް ކުރި މަސައްކަތުން އެމަރަލްޑް ރިސޯޓުން އެ އެހީތެރިކަން ފޯރުކޮށްދިންކަމަށް މިނިސްޓްރީން ބުންޏެވެ.

މަދުމަދުން ނަމަވެސް އަނިޔާވެފައިވާ ދޫނި ފެނެއެވެ. ގިނަ ފަހަރު މިހެން ފެންނަނީ އާންމުން އެއާ ކުޅެން އުޅެގެން އަނިޔާވުމުންނެވެ.