މި މަހުގެ 21ގައި އެމޭޒަން ޕްރައިމް ވީޑިއޯއިން ޕްރިމިއާކުރަން ތާވަލުކޮށްފައި އޮތް ވަޠަނީ ފިލްމު "އޭ މެރޭ ވަޠަން"ގެ ވަރަށް މުހިއްމު ރޯލަކުން އެކްޓަރު އިމްރާން ހާޝްމީ ފެންނާނެކަން ފިލްމުގެ ޕްރޮޑަކްޝަން ކުންފުނިން އިއުލާނުކޮށްފިއެވެ.

ބަތަލާ ސާރާ ޢަލީ ޚާން ލީޑް ރޯލުން ފެންނާނެ މި ފިލްމުން އިމްރާން ހާޝްމީ ފެންނާނީ މީގެ ކުރިން ފެނިފައިނުވާ ފަދަ ތަފާތު ގޮތަކަށް ކަމަށް ފިލްމު ގެނެސްދޭ ދަރުމަޓިކް އެންޓަޓެއިންމަންޓްއިން ވަނީ ބުނެފައެވެ.

ފިލްމުގައި އިމްރާނު ފެންނާނެ ގޮތުގެ ފުރަތަމަ ޕޯސްޓަރު ދަރުމާއިން އާއްމުކޮށްފައިވާއިރު އިމްރާނު ގެނެސްދޭނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޖަވާހަރްލާލް ނެހެރޫގެ ވައިބްއެއް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އިންޑިއާއަށް މިނިވަންކަން ހޯދައިދިނުމަށް ވަކާލާތު ކުރާ މީހެއްގެ ރޯލުން އިމްރާނު ފެންނައިރު މިއީ އިމްރާން ދަރުމާގެ ކުންފުންޏަކާ އެކު މަސައްކަތްކުރާނެ ދެވަނަ ޕްރޮޖެކްޓެވެ. އިމްރާން އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ އަށްވަނަ ދުވަހު ޑިޒްނީ ހޮޓް ސްޓާގައި ޕްރިމިއަކުރި ދަރުމާ ޕްރޮޑަކްޝަންގެ ވެބް ސީރީސް "ޝޯ ޓައިމް"އިންނެވެ.

އެކްޓިވިސްޓު ރާމް މަނޯހަރު ލޯހިއާ-- ފޮޓޯ/ ޓެލެގްރާފްއިންޑިއާ
ފިލްމު "އޭ މެރޭ ވަޠަން" އަކީ، 1940ގެ އަހަރުތަކުގައި އިސްތިއުމާރީ ވެރިކަމާ ދެކޮޅަށް ޒުވާނުން އެއްބައިވަންތަކޮށް، ގައުމު އެއްބައިވަންތަ ކުރުމަށް އަންޑަގްރައުންޑް ރޭޑިއޯ ސްޓޭޝަނެއް ތައާރަފުކުރި ޒުވާނެއް ކަމަށްވާ އުޝާ ރާނީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އިމްރާން ފިލްމުގައި ކުޅެފައިވަނީ 1942ވަނަ އަހަރުތަކުގެ ތެރޭ ހަރަކާތްތެރިވި އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވި ރާމް މަނޯހަރު ލޯހިއާގެ ރޯލެވެ. ރާމް މަނޯހަރް އަކީ އެ ދުވަސްވަރު އޭރުގެ ނަމުންނަމަ ބޮމްބޭގެ އެކި ސަރަހައްދުގައި ހިންގި ކޮންގްރެސް ރޭޑިއޯގައި މަސައްކަތް ކުރި މީހެއް ވެސް މެއެވެ.