14 Mar 2024, 08:05
ބޮލީވުޑްގެ މަޝްހޫރު މޮޑެލް އަދި ނެށުންތެރިޔާ މަލައިކާ އަރޯރާގެ ފުރަތަމަ ކައިވެނި ރޫޅި ވަރީގެ މައްސަލަ ނިމުނުއިރު ކުރީގެ ފިރިމީހާ އަރުބާޒް ޚާންގެ އަތުން އެލިމޮނީގެ ގޮތުގައި އެއްވެސް ވަރަކަށް ފައިސާ ހޯދަން އެދިފައިނުވާނެ ކަމަށް އޭނާ ބުނެފިއެވެ.
މަލައިކާ މިހެން ބުނެފައިވަނީ އަރުބާޒް ޚާން ކައިރިން ވަރިވިއިރު މަލައިކާ 'ފެޓް އެލިމޮނީ'އެއް ނެގި ކަމަށާއި މިހާރު ދިރިއުޅޭ ޕޮޝް ދިރިއުޅުން ބައްޓަންކުރުމަށް އެ ފައިސާ ބޭނުންކުރި ކަމަށް ބަޔަކު މީހުން ތުހުމަތު ކުރުމާ ގުޅިގެންނެވެ.
މަލައިކާއާއި އަރުބާޒުގެ 19 އަހަރުވީ ކައިވެނި ނިމުމަކަށް އައުމުން ވަރަށް ގިނަ ބަޔަކަށް އެކަމުން ހައިރާންކަމެއް ލިބުނު ކަމަށާއި ދެ މީހުން ވަކިވުމުގެ ކުރިން އެކަން ދެ އާއިލާގެ މެންބަރުންނާ އެކު މަޝްވަރާކުރިކަމަށް މަލައިކާ ވަނީ ބުނެފައެވެ.

މަލައިކާ އަރުޖުން ކަޕޫރާ އެކު-- ފޮޓޯ/ ފިލްމުފެއަނިވްސް
ހަޔާތުގެ ފުރަތަމަ ކައިވެންޏަށް ނިމުން ގެންނަން ޖެހުނީ ދެ މީހުންގެ ދެމެދު އެކި ކަންކަމުގައި ހިޔާލު ތަފާތުވާން ފެށުމުން ކަމަށާއި ދަރިފުޅު އަރުހާން މާޔޫސްކަން ވެރިވެފައިވާ މާހައުލެއްގައި ބޮޑު ކުރަން ބޭނުންނުވުމުން ކަމަށް ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ބުނެފައެވެ.
އާއްމުންގެ ބައެއް މީހުންގެ ފަރާތުން ލިބޭ ފާޑުކިޔުންތަކާ މެދު ކުރިން ވަރަށް ބޮޑަށް ވިސްނޭ ކަމަށާއި ނަމަވެސް މިހާރު އެފަދަ ނުރުހުމުގެ ބަސްތަކާ މެދު ނުވިސްނާ ކަމަށް ރިއަލިޓީ ޝޯތަކުގައި ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރާ މަލައިކާ ވަނީ ބުނެފައެވެ.
ފުރަތަމަ ކައިވެނި ރޫޅާލިތާ ގިނަ ދުވަސްތަކަކަށް ފަހު މަލައިކާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އޭނާގެ އުމުރަށްވުރެ އެތައް ގުނަ ހަގު އެކްޓަރު އަރުޖުން ކަޕޫރާއެވެ.