15 Mar 2024, 22:02
ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމުގައިވާ ރެއާލް މެޑްރިޑް ވާދަކުރާގޮތަށް ގުރުއަތުން ދިމާވެއްޖެެއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ގުރުއަތުލުން ބާއްވާފައިވަނީ މިއަދު މެންދުރު ފަހު ރާއްޖޭ ގަޑިން ހަތަރެއް ޖެހިއިރު ސްވިޓްޒަލަންޑްގެ ނިއޯންގައި ހުންނަ ޔުއޭފާގެ މައި މަރުކަޒުގައެވެ.
ސިޓީ އާއި ރެއާލް މެޑްރިޑް ވަނީ މިދިޔަ ދެ ސީޒަންގައިވެސް ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި ވާދަކޮށްފައެވެ. ނަމަވެސް ވޭތުވެދިޔަ ދެސީޒަންގައި ވެސް ވާދަކޮށްފައިވަނީ ސެމީފައިނަލާ ހިސާބުންނެވެ.
މިގޮތުން މިދިޔަ ސީޒަންގައި ސިޓީއިން ވަނީ ފަސޭހަ ކަމާއެކު ފަސް ލަނޑު އެއް ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ރެއާލް ބަލިކޮށް ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.
ނަމަވެސް އޭގެ ކުރީ ސީޒަންގައި ރެއާލް އިން ވަނީ 6 ލަނޑު 5 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ސިޓީ ވަރަށް ހިތްދަތި ގޮތަކަށް އެންމެ ފަހު ވަގުތު ކާމިޔާބު ކުރި ދެ ލަނޑަކާއެކު ބަލިކޮށްފައެވެ.
އެހެންކަމުން މި ސީޒަންގެ ކުއާޓާ ފައިނަލްގައި ފެންނާނެ އެންމެ ވާދަވެރި އަދި އެންމެ ފާހަގަކޮށްލެވޭ އެއް ކުރިމަތިލުމަށް މި ކުރިމަތިލުން ވެގެންދާނެކަމަށް މިހާރު ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މިއަދުގެ ގުރުއަތުން ކުއާޓާ ފައިނަލްގައި ވާދަކުރުމަށް ދެން ދިމާވެފައިވަނީ އާސެނަލް އާއި ބަޔާން މިޔުނިކް، އެޓްލެޓިކޯ މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމުންޑް އަދި ޕެރިސް ސެއިންޓް ޖާމެއިން އާއި އެފްސީ ބާސެލޯނާއެވެ.
މިތިން ކުރިމަތިލުން ވެސް ތަފާތު އެކި ސަބަބުތަކަށް ޓަކައި ފޯރިގަދަވެގެންދާނެއެވެ. މިގޮތުން ޕިއެސްޖީ އާއި ބާސާގެ ކުރިމަތިލުމަށް ބަލާލާއިރު ބާސާއަށް ކުރިން ކޯޗުކޮށްދިން ލުއިސް އެންރީކޭ ހުރީ ޕީއެސްޖީގެ ކޯޗަކަށެވެ. އެހެންކަމުން މި މެޗުގެ ފޯރި ގަދަވެގެންދާނެކަމަށް ވެސް ބެލެވެއެވެ.
އަދި އާސެނަލާއި ބަޔާންގެ ކުރިމަތިލުމަށް ބަލައިލާއިރު މިއީ ބަޔާންގެ ފޯވަޑް އިންގްލަންޑްގެ ކެޕްޓަން ހެރީ ކޭން އިންގްލިޝް ޕްރިމިއާ ލީގު ދޫކޮށްލިފަހުން އެލީގުގެ ޓީމަކާއި ދެކޮޅަށް ނިކުންނަ ފުރަތަމަ ފަހަރެވެ.
ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އެޕްރީލް މަހުގެ ނުވައެއް އަދި 10 ވަނަ ދުވަހުގެ ރެއެވެ. އަދި ދެވަނަ ލެގު ކުޅެވޭތީ އެޕްރީލް މަހުގެ 16 އަދި 17 ވަނަ ދުވަހުގެ ރެއެވެ.