ޔުއޭފާ ޔޫރޮޕާ އަދި ޔޫރޮޕާ ކޮންފަރެންސް ލީގުގެ ކުއާޓާ ފައިނަލްގެ ގުރުއަތުލުން މިއަދު ބާއްވައިފިއެވެ.

ސްވިޓްޒަލަންޑްގެ ނިއޯންގައި ހުންނަ ޔުއޭފާގެ މައި މަރުކަޒުގައި ބޭއްވި ޔޫރޮޕާ ލީގުގެ ގުރުއަތުލުމުގައި އިޓާލިއަން ސެރީއާއަށް ނިސްބަތްވާ ދެ ޓީމުކަމުގައި އޭސީ މިލާނާއި އޭއެސް ރޯމާ ދިމާވީ އެއް ޓީމު އަނެއް ޓީމާއި ވާދަކުރާގޮތަށެވެ.

އެއް ލީގަކަށް ނިސްބަތްވުމުގެ އިތުރުން މި ދެޓީމަކީ ލީގުގައި ވެސް ވަރަށް ވާދަވެރި ދެ ޓީމުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ދެ ޓީމުކަމުން މި ކުއާޓާ ފައިނަލްއަކީ ވާދަވެރި އަދި ފޯރިގަދަ ކުރިމަތިލުމަކަށް ވެގެންދާނެއެވެ. މިފަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަ ކަމަށް ފާހަގަ ކުރެވިފައިވާ އިންގްލިޝް ޕްރިމިއާ ލީގުގެ ލިވަޕޫލް ގުރުއަތުން ދިމާވީ ސެރީއާގެ އެޓަލާންޓާ އާބައްދަލުކުރާ ގޮތަށެވެ.

މި ގުރުއަތުލުމުގައި ދެން ނެގިގެންދިޔަ އަނެއްދެ ކުރިމަތިލުމަކީ ޖަރުމަނު ބުންޑާސްލީގަށް މި ސީޒަންގައި އާ ދިރުމެއް ގެނެސްދީފައިވާ ބަޔާ ލެވަކޫސެން އާއި އިންގްލިޝް ޕްރިމިއާ ލީގުގެ ވެސްޓް ހޭމްގެ ކުރިމަތި ލުމާއި އަދި ޕޯޗުގަލްގެ ބެންފީކާ އާއި ފްރެންޗް ލީގު އާންގެ ސޮލިމްޕިކް މާސޭގެ ކުރި މަތިލުމެވެ.

މިމުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އެޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ރެއެވެ.

އަދި ދެވަނަ ލެގުގެ މެދުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރެއެވެ.

މިއަދުގެ ގުރުނެގުމުގައިވަނީ ސެމީފައިނަލްގައި ޓީމުތައް ބައްދަލުވާނެ ގޮތުގެ ގުރެއް ވެސް ނަގައިފައެވެ.

މިގޮތުން ބެންފީކާ އާއި މާސޭގެ ކުރިމަތިލުން ކާމިޔާބު ކުރާ ޓީމެއް ސެމީފައިނަލްގައި ބައްދަލުކުރާނީ ލިވަޕޫލާއި އެޓަލާންޓާގެ ކުރިމަތިލުން ކާމިޔާބު ކުރާ ޓީމަކާއެވެ. އަދި މިލާން އާއި ރޯމާގެ ކުރިމަތިލުން ކާމިޔާބު ކުރާ ޓީމެއް ސެމީފައިނަލްގައި ވާދަކުރާނީ ލެވަކޫސެން އާއި ވެސްޓް ހޭމްގެ ކުރިމަތިލުން ކާމިޔާބު ކުރާ ޓީމަކާއެވެ.

މިގޮތުން ސެމިފައިނަލްގެ ފުރަތަމަ ލެގު މެއި މަހުގެ ދެވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ ނުވަވަނަ ދުވަހުއެވެ. މިފަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 22 ވަނަ ދުވަހުގެ ރޭ ރިޕަބްލިކް އޮގް އަޔަލަންޑްގެ ޑަބްލިން އެރީނާގައެވެ.

ކުއާޓާ ފައިނަލްގެ ގުރުއަތުލުން

އޭސީ މިލާން – އޭއެސް ރޯމާ

ލިވަޕޫލް - އެޓަލާންޓާ

ބަޔާ ލެވަކޫސެން – ވެސްޓް ހޭމް ޔުނައިޓެޑް

ބެންފީކާ – އޮލިމްޕިކް މާސޭ

ސެމީ ފައިނަލްގެ ގުރުއަތުލުން

ބެންފީކާ – އޮލިމްޕިކް މާސޭ / ލިވަޕޫލް - އެޓަލާންޓާ

އޭސީ މިލާން – އޭއެސް ރޯމާ / ބަޔާ ލެވަކޫސެން – ވެސްޓް ހޭމް ޔުނައިޓެޑް

ޔޫރޮޕާ ކޮންފަރެންސް ލީގުގެ ކުއާޓާ ފައިނަލްގެ ގުރުއަތުލުމަށް ބަލާލާއިރު ބެލްޖިއަމް ޕްރޯ ލީގުގެ ކްލަބް ބްރޫޖް ބައްދަލުކުރުމަށް ދިމާވެފައިވަނީ ގްރީސް ސުޕާ ލީގުގެ ޕައޮކްއާއެވެ.

އަދި ގްރޫސް ސުޕާ ލީގަށް ނިސްބަތްވާ އޮލިމްޕިއާކޯސް ކުއާޓާ ފައިނަލްގައި ޓާކިޝް ސުޕާ ލިގްގެ ފެނަބާޗޭ އާއި ކުރިމަތިލުމަށް ދިމާވިއިރު އިންގްލިޝް ޕްރިމިއާ ލީގުގެ އެސްޓަންވިލާ ކުރިމަތިލުމަށް ހަމަޖެހިފައިވަނީ ފްރެންޗް ލީގު އާންގެ ލީލްއާއެވެ. އަދި ޗެކް ފަސްޓް ލީގުގެ ވިކްޓޯރިއާ ޕްލަޒެން ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އިޓާލިއަން ސެރީއާގެ ފިއޮރެންޓީނާ އާއެވެ.

ސެމީފައިނަލްގައި ޓީމުތައް ދިމާވާގޮތަށް ބަލާލާއިރު ވިލާ އާއި ލިލްގެ ކުރިމަތިލުން ކާމިޔާބު ކުރާ ޓީމެއް ސެމީފައިނަލްގައި ބައްދަލުކުރާނީ އޮލިމްޕިއާކޯސް އާއި ފެނަބާޗޭގެ ކުރިމަތިލުން ކާމިޔާބު ކުރާ ޓީމަކާއެވެ.

އަދި ޕްލަޒެން އާއި ފިއޮރެންޓީނާގެ ކުރިމަތިލުން ކާމިޔާބު ކުރާ ޓީމެއް ބައްދަލުކުރާނީ ބްރޫޖް އާއި ޕައޮކް ގެ ކުރިމަތިލުން ކާމިޔާބު ކުރާ ޓީމަކާއެވެ.

ޔޫރޮޕާ ލީގެކޭ އެއް ގޮތަށް ޔޫރޮޕާ ކޮންފަރެންސްގެ ކުއާޓާ ފައިނަލް މެޗު ތަކާއި ސެމީފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެއް ތާރީހް ތަކެއްގައެވެ. އަދި ފައިނަލް މެޗު މެއި މަހުގެ 29 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ގްރީސްގެ އެތެންސްގެ އާއީކޭ އެރީނާގައެވެ.

ކުއާޓާ ފައިނަލްގެ ގުރުއަތުލުން

ކްލަބް ގްރޫޖް - ޕައޮކް

އޮލިމްޕިއާކޯސް - ފެނަބާޗޭ

އެސްޓަން ވިލާ - ލީލް

ވިކްޓޯރިއާ ޕްލަޒެން - ފިއޮރެންޓީނާ

ސެމީ ފައިނަލްގެ ގުރުއަތުލުން

އެސްޓަން ވިލާ – ލީލް / އޮލިމްޕިއާކޯސް - ފެނަބާޗޭ

ވިކްޓޯރިއާ ޕްލަޒެން – ފިއޮރެންޓީނާ / ކްލަބް ގްރޫޖް - ޕައޮކް