16 Mar 2024, 00:14
އެމެރިކާގެ ކެލިފޯނިއާގައި މިހާރު ކުރިއަށްދާ އިންޑިއަން ވެލްސް އޯޕަން ޓެނިސް މުބާރާތުގެ ސެމީފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އަދި މިފަހަރުގެ މުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް އަލްކަރާޒް ކަށަވަރުކުރީ ކްއާޓާ ފައިނަލްގައި ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒްވަރޭވް ބަލިކޮށްގެންނެވެ. މި މެޗު އަލްކަރާޒް ކާމިޔާބު ކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. އެއީ ހައެއް ތިނެއް އަދި ހައެއް އެކަކުންނެވެ.
ނަމަވެސް މި މެޗު ވެގެންދިޔައީ އަލްކަރާޒް މިހާތަނަށް ކުޅުނު އެންމެ އާދަޔާހިލާފު އެއް މެޗަށެވެ. މި މެޗުގެ ކުޅުން ފެށިގެން ތިންވަނަ ގޭމްގެ ތެރޭގައި ގިނަ އަދަދެއްގެ ކުޅަނދުރުތަކެއް ކޯޓުތެރޭގައި ގިނަ ވުމާއި ގުޅިގެން މެޗުގެ އަމްޕަޔަރަށް ޖެހުނީ އެއް ގަދި އިރާއި 40 މިނެޓަށް ކުޅުން މެދު ކަނޑާލާށެވެ. މިހާދިސާގެ ތެރޭގައި އަލްކަރާޒްގެ ބޮލަށް ކުޅަނދުރެއް ކަށި ވެސް ޖަހާފައިވެއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އަލްކަރާޒްވަނީ އޭނާ ކޮންމެވެސް ވަރަކަށް ކުޅަނދުރު ދެކެ ބިރުގަންނަކަން ހާމަކޮށްފައެވެ. އަދި އެވަގުތު ކޮންމެ ދިމާއަކަށް ދިޔައަށް ފެނުނީ ކުޅަނދުރު އޭނާ އާއި ދިމާލަން އައިތަން ކަމަށްވެސް އަލްކަރާޒް ހާމަކުރިއެވެ.
މިމުބާރާތުގެ ސެމީފައިނަލްގައި އަލްކަރާޒް ވާދަކުރާނީ މިވަގުތު ޓެނިހުގެ ދުނިޔޭގައި އެންމެ ފޯމުގައި ހުރިކަމަށް ގިނަ ބަޔަކު ގަބޫލް ކުރާ އިޓަލީވިލާތުގެ ޔަނިކް ސިނާ އާއެވެ.
މި މުބާރާތުގައި ތިންވަނައަށް ސީޑް ކުރެވިފައިވާ ސިނާ ސެމީފައިނަލުން ޖާގަހޯދީ ޗެކް ރިޕަބްލިކްގެ ޔީރީ ލެހެޗްކާ އާއި ބައްދަލުކުރި މެޗު ހައެއް ތިނެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްގެންނެވެ.