އެއްވެސް ގައުމަކާ ރާއްޖެއިން ހަތުރުވެރިކަމެއް ނުބާއްވާކަމަށާއި، މި ސަރުކާރުން ކުރަނީ ރާއްޖެ ހުރިހާ މާނައެއްގައި ވެސް އަމިއްލަ ފައިމައްޗަށް ނަގައި ބާރުވެރިކުރުވުމުގެ މަސައްކަތްކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، އެއާކޯ އިފްތިތާހުކުރީ އެމްއެންޑީއެފް އެއާކޯ އިފްތިތާހުކުރުމާއި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތް ތައާރަފްކުރުމަށް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަކީ އެއްވެސް ބަޔަކު ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށެވެ. އެއީ ބަޔަކާ ހަތުރުވެރިކަމެއް އޮވެގެން ކުރާ ކަމެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެއާކޯ އިފްތިތާހުކުރީ އެމްއެންޑީއެފް އެއާކޯ އިފްތިތާހުކުރުމާއި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތް ތައާރަފްކުރުމަށް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

"އަޅުގަނޑުމެންނަކީ ހުރިހާ ގައުމުތަކާ ވެސް ގާތް ގުޅުން އޮންނާނެ ބައެއް. އަޅުގަނޑުމެންނަކީ އެއްވެސް ގައުމެއްގެ ހަތުރުންނެއް ނޫން. އަޅުގަނޑުމެންނަށް މުހިންމު ވެގެން މި އުޅެނީ މި ފަޚުރުވެރި ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ބާރުވެރިކަމުގައި މިނިވަންކަންމަތީގައި އޮންނާނެ ގޮތް ހެދުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ ރާއްޖެއަކީ ހުރިހާ ގޮތަކުން ވެސް އަމިއްލަ ފައިމަތީގައި އޮންނަ ގައުމަކަށް ހަދަން ކަމަށެވެ.

އެއީ އިގްތިޞާދީ ގޮތުންނާއި، އަސްކަރީ ގޮތުން ވެސް އަމިއްލަ ފައިމަތީ އޮތުންކަމަށް ފާހަގަކުރެއްވިއެވެ.

"...ހުރިހާ މާނައެއްގައި އެއީ އިގްތިޞާދީ ގޮތުން ވެސް އަސްކަރީ ގޮތުން ވެސް މުސްތަގިއްލު ގައުމެއްގެ ގޮތުގައި ހަމަޖެހިގެން މީހުން ދިރިއުޅޭ ގައުމެއްގެ ގޮތުގައި މި ގައުމު އޮވެެގެން ނޫނިއްޔާ މި ސަރަހައްދަށް ވެސް ހަަމަޖެހުމެއް ނޯންނާނެ. އެއީ އެންމެން ވެސް ގަބޫލުކުރާނެ ހަގީގަތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސުލްހައާއި ހަމަޖެހުން ސަރަހައްދެއްގައި ގާއިމްކުރާއިރު އެ ސަރަހައްދެއްގެ ހުރިހާ ގައުމެއް ވެސް ވާންޖެހޭނީ މިނިވަންކަން މަތީގައި އޮންނަ ގައުމަކަށް ކަމަށެވެ.

އަދި އެ މަގުން ރާއްޖެ ކޮޅަށް ނެގުމުގެ ފުރިހަމަ މިނިވަންކަން ދިވެހީންނަށް ވެސް އޮންނަންޖެހޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސްވަނީ މިރޭ އިފްތިތާހުކުރެވުނު ވައިގެ ސިފައިންގެ ޚިދުމަތް އިތުރަށް ތަރައްގީކޮށްދެއްވައި ޑްރޯން އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

އަދި މި އަހަރު ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ކަނޑުގެ ހައިޑްރޮގްރަފީ މަސައްކަތް އަލުން ފަށާނެކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން މި ދައުރު ނިމޭއިރު ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑު ޚިދުމަތް ދެ ގުނައަށް ތަރައްގީކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.