ރައްޔިތުން މަޖިލިސް އިންތިޙާބު އެމްޑީޕީއަށް ލިބިގެން ނޫނީ މި "ވާނުވާ" ސަރުކާރު އޮބިއެއް ނޭޭޅޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ފައްޔާޒު ވިދާޅުވީ މި ސަރުކާރު އޮބި ނޭޅުވިއްޖެނަމަ ސަލާމަތް ވާން ނެތް ކަމަށެވެ.

"އަޅުގަނޑުމެނަށް ރައްޔިތުންގެ މަޖިލިސް މެޖޯރިޓީ ލިބިގެން ނޫނީ މި ވާނުވާ ސަރުކާރު އޮބިއެއް ނޭޅޭނެ. އޮބި ނޭޅިއްޖެ ކަމަށް ވަނީ ނަމަ މިދިޔަ ހަތަރު މަސް ދުވަހު ފެނުނު ކުލަވަރުން އަޅުގަނޑުމެނަށް އެބަ އިނގޭ ސަލާމަތް ނުވާނެ ހިސާބަށް ގައުމުގެ ކަންތައްތައް ގެންދާނެކަން," ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ މިސްރާބު ހަމަ މަގަށް އެޅުމަށްޓަކައި މި ސަރުކާރު ބޭނުންހާ ގޮތެއް ރައްޔިތުންނަށް ހެދިޔަ ދީގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް މި ދައްކަނީ ސަރުކާރަށް ޖެއްސުން ކުރާ ވާހަކައެއް ނޫން. މިއުޅެނީ ސަރުކާރު ވައްޓާލާކަން ނޫން." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ސަރުކާރު ވައްޓާލަން ޖެހިއްޖެނަމަ ވައްޓާ ވެސް ލާނެ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ހީކުރީ އެންމެ އަނިޔާވެރި ރައީސްއަކީ ކުރީގެ ރައީސް އަބްދުލް ﷲ ޔާމީން އަބްދުލް ޤައްޔޫމް ކަމަށް ކަމަށެވެ.

"ރައީސް ޔާމީނުގެ ސަރުކާރުގައި އަނިޔާ ކުރެއްވީ ރައީސް ޔާމީނުގެ ވެރިކަމާއި ތޮޅޭ މީހުނަށް. މި ސަރުކާރުން އަޅުގަނޑަށް ފެންނަނީ ސާޖިދާ އޭ ކިޔައިގެން އެއްޗެއް ބުނާ މީހާވެސް، ޖަނާބެއޭ ކިޔައިގެން އެއްޗެކޭ ބުނާ މީހާވެސް، ވަށަފަރޭ ކިޔައިގެން އެއްޗެކޭ ބުނާ މީހާވެސް، ލާމު އަތޮޅު ފޮނަދޫއޭ ކިޔައިގެން އެއްޗެކޭ ބުނާ މީހެއް ވިއަސް، އެ އެންމެންނާ ދޭތެރޭ ޒާތީ ވާނެ ތަން." އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ގައުމު ހަމަ މަގަށް އެޅުވުމަކީ އެމްޑީޕީގެ ވެސް ޒިންމާއެއް ކަމަށެވެ. އޭނާ މި ސަރުކާރު ސިފަކުރެއްވީ މަކަރުވެރިކަމާއި އޮޅުވާލުމެއްގެ ތެރެއިން ގެނެސްފައިވާ ސަރުކާރެއްްގެ ގޮތުގައެވެ.