ބޮލީވުޑްގެ އިތުރުން ސައުތު ސިނަމާގެ ފިލްމުތައް ވެސް ކުޅޭ ފިލްމީ ތަރި ސޯނޫ ސޫދު އަލަށް ޑައިރެކްޝަނަށް ނުކުންނަ ފިލްމު "ފަތޭހް"ގެ ޓީޒާ އާއްމުންނަށް ދައްކާލައިފިއެވެ.

މި އަހަރު ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމުގެ ލީޑް ރޯލުން ސޯނޫ ސޫދު ފެންނާނެއިރު ސޯނޫއާ އެކު ބަތަލާގެ ރޯލުން ފެންނާނީ ޖެކްލީން ފެނާންޑެޒްއެވެ.

ފިލްމުގެ ފުރަތަމަ ޓީޒާ އާއްމުންނަށް ދައްކައިލުމާ އެކު ގިނަ ބަޔަކު ބުނެފައިވަނީ މި ފިލްމުން ހޮލީވުޑްގެ އެކްޝަން ތަރި ޖޯން ވިކްގެ ވައިބެއް ސޯނޫ ގެނެސްދޭ ކަމަށެވެ. މި ފިލްމަކީ، ސައިބަ ކްރައިމް ތުރިލާއެކެވެ. ފަހަކަށް އައިސް އިންޑިއާގައި ސައިބަ ކްރައިމް ގިނަވެ އިންޓަނެޓުގެ ބޭނުން ނަމަހަމަގޮތުގައި ބަޔަކު މީހުން ހިފާ މިންވަރު އިތުރުވުމުން މިއީ އާއްމުން އެފަދަ ކުށުގެ މާހައުލުތަކުން ސަލާމަތްކުރުމުގެ ބޭނުމުގައި ގެނެސްދޭ ފިލްމެކެވެ.

މި ފިލްމަކީ ޒަމާންތަކަކަށް ފަހު ސޯނޫ ލީޑް ރޯލް ކުޅޭ ފިލްމަކުން ފެންނަ ފުރަތަމަ ފިލްމު ވެސް މެއެވެ. މި އަހަރު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވީނަމަވެސް ފިލްމު ސިނަމާއަށް ގެންނާނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ސޯނޫ ސޫދު އަދި ޖެކްލީން ފިލްމު "ފަތޭހް"ގެ މަންޒަރެއްގައި-- ފޮޓޯ/އިންޑިއާފޯރަމްސް
ސޯނޫ އެންމެ ފަހުން ފެނުނު ބޮލީވުޑް ފިލްމަކީ 2022 ވަނަ އަހަރު ރިލީޒްކުރި ޔަޝް ރާޖް ފިލްމްސްގެ "ސަމްރާތު ޕްރިތުވީރާޖް"އެވެ. މި ފިލްމުން ވެސް ސޯނޫ ފެނިފައިވަނީ ސަޕޯޓިންގް ރޯލުންނެވެ. މި ފިލްމަށް ފަހު މިދިޔަ އަހަރު ސޯނޫގެ ދެ ފިލްމެއް ރިލީޒްކުރިއިރު މި ދެ ފިލްމަކީ ވެސް ސައުތު ސިނަމާގެ ދެ ފިލްމެވެ.

ފިލްމީ ދާއިރާގައި މަސައްކަތްކުރުމުގެ އިތުރުން ސޯނޫ އަކީ، ސޫދު ޗެރިޓީ ފައުންޑޭޝަންގެ ނަމުގައި ހިންގާ އަމިއްލަ ޖަމްއިއްޔާ މެދުވެރިކޮށް އެހީތެރިކަން ބޭނުންވާ ގިނަ ބަޔަކަށް އެހީ ފޯރުކޮށްދޭ މީހެކެވެ.