ހިފާފައިވާ ގުދްސު (17 މާޗް 2024) : ރަޝިއާއިން ފަލަސްތީނުގެ ހައްގުގައި ދެމުންގެންދާ ބަޔާންތަކާ ގުޅިގެން އިސްރާއީލު ރުޅިގަދަވެ އިސްރާއީލުގައި ހުންނަވާ ރަޝިއާގެ ސަފީރު އަނަތޯލީ ވިކްޓޮރޯވް އިސްރާއީލުގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށްފިއެވެ.

އިސްރާއީލުގެ މީޑީއާ ބުނާގޮތުން އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔިސްރައެލް ކާތުސް ވަނީ އިސްރާއީލުގައި ހުންނަވާ ރަޝިއާގެ ސަފީރު އެ ވުޒާރާއަށް ހާޒިރުކޮށް އިސްރާއީލުގެ ނުރުހުން ރަޝިއާއަށް ވަރަށް ބޮޑަށް އޮތްކަމަށް ބުނެ ރަޝިއާގެ އަމަލުތަކާމެދު ވަރަށް ބޮޑަށް ނުރުހުންވެ ވާހަކަ ދައްކައި އަދި އިންޒާރުގެ ސިޓީއެއް ރަޝިއާގެ ސަފީރާ ހަވާލުކޮށްފައެވެ.

އިސްރާއީލުގެ ޚާރިޖީ ވުޒާރާ ހުންނަނީ އިސްރާއީލު ގަދަބާރުން ހިފައި އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ސިޓީއެއްކަމަށްވާ ގުދްސުގައެވެ.

މިފަހަކަށް އައި ރަޝިއާގެ މަސްއޫލުވެރިން ފަލަސްތީނަށް ތާއީދުކޮށް އަދި އިސްރާއީލުގެ ލާއިންސާނީ އަމަލުތަކާއި އިސްރާއީލުން ހިންގާ ޓެރަރިސްޓް ހަރަކާތްތައް ކުށްވެރިކޮށްވަނީ އެތައް ބަޔާނެއް ދެއްވާފައެވެ.

އިސްރާއީލުގައި ހުންނަވާ ރަޝިއާގެ ސަފީރު އަނަތޯލީ ވިކްޓަރޯވް

މީގެތެރޭގައި ފަލަސްތީނުގެ ބިންތައް ހިފައިގެން އޮވެ އަމިއްލަ ނަފްސުގެ ދިފާއު ކުރުމުގެ ހައްގު އިސްރާއީލަށް ނޯންނާނެކަމަށް އދ. ގައި ހުންނަވާ ރަޝިއާގެ ދާއިމީ މަންދޫބު ވިދާޅުވުމާއި ހަމާސް ޖަމާއަތުން މިދިޔަ އޮކަޓޯބަރުމަހު އިސްރާއީލަށް ދިން ރެސިސްޓެންސް (މިނިވަންކަމުގެ) ހަމަލާތަކަކީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ކަމެއްނުކޮށް އޮއްވައި ދިން ހަމަލާތަކެއް ނޫންކަމަށް ވިދާޅުވެ ރަޝިއާގެ ޚާރިޖީ ވަޒީރު ދެއްވި ބަޔާން ހިމެނެއެވެ.

އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ހަރަކާތްތައް ހިންގުމުގެ ހައްގު ފަލަސްތީނަށް އޮންނާނެކަމަށް ވިދާޅުވެ ރަޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނުވެސްވަނީ ވާހަކަ ދައްކަވާފައެވެ.

މީގެއިތުރުން ރަޝިއާގެ މަސްއޫލުވެރިންވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެންއުޅޭ އުޅުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކަށް އިސްރާއީލު އަރައިގަތުންކަމަށްވެސް ސިފަކުރައްވާފައެވެ.

އަދި ރަޝިއާގެ ޚާރިޖީ ވަޒީރުވަނީ އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގަނީވެސް ޣައްޒާގައި އިސްރާއީލުން ހިންގާފަދަ ލާއިންސާނީ ޖަރީމާތަކެއްކަމަށް ސިފަކުރައްވާފައެވެ.

އަދި ރަޝިއާވަނީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ވަގުތުން ހުއްޓާލުމަށާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް ކިޔަމަންވުމަށްވެސް އިސްރާއީލަށް ގޮވާލައި އެތަށްފަހަރަކު އދ. ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކާފައެވެ.

ރަޝިއާގެ މަސްއޫލުވެރިން ސިފަކުރައްވާ ގޮތުގައި ހަމާސް ޖަމާއަތަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތެކެވެ. މިއާއެކު ރަޝިއާގެ މަސްއޫލުވެެރިންވަނީ ހަމާސްގެ ސިޔާސީ ގޮފީގެ އިސް ބައެއް މެންބަރުންނާ މޮސްކޯގައި ބައްދަލު ވެސް ކުރައްވާފައެވެ.

ހަމާސްއަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތަކަށްވާތީ އިސްރާއީލާއި އިސްރާއީލުގެ ޓެރިޒަމާއި އަނިޔާވެރިކަމާ އަދި އިސްތިއުމާރަށް ވާގިވެރިވާ އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ އިސްތިއުމާރީ ވިސްނުން ގެންގުޅޭ ހުޅަނގުގެ ބާރުތަކުން ހަމާސް ސިފަކުރަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ.