17 Mar 2024, 20:13
ދުނިޔޭގައި ކުޅެވޭ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމުގައިވާ އިނގިރޭސި އެފްއޭ ކަޕްގެ ސެމީފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީފައިނަލުން ސިޓީ ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި ނިއުކާސްލް ޔުނައިޓެޑާއި ބައްދަލު ކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ. ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ.
މި މެޗު ސިޓީއިން ވަރަށް ފޯރިއާ އެކު ފެށިއިރު ނިއުކާސްލް ފެނިގެންދިޔައީ ޑިފެންޑް ކުރުމަށްފަހު ލިބޭ ފުރުސަތު ތަކުގައި ހަމަލާ ދިނުމަށް އިސްކަން ދީގެން ކުޅުނު ތަނެވެ. މިގޮތުން މެޗުގެ ބޮޑުބައި ދިޔައީ ނިއުކާސްލް ޑިފެންޑް ކުރުމުގައެވެ.
މި މެޗުގެ ފުރަތަމަ ލަނދު ސިޓީއިން ކާމިޔާބު ކޮށްފައިވަނީ މެޗުގެ 13 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ބެނާޑޯ ސިލްވާއެވެ. ސިލްވާ ނިއުކާސްލްގެ ގޯލަށް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ނިއުކާސްލްގެ ޑިފެންޑާ ޑެން ބާން ފައިގާ ޖެހިފާ ކީޕާ މާޓިން ޑުބްރަވްކާ ބޯމަތިން ގޮހެވެ.
އަދި އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ސިލްވާއެވެ. މިލަނޑަކީ ވެސް ނިއުކާސްލްގެ ޑިފެންޑާ ސްވެން ބޮޓްމަން ފައިގާ ޖެހިފާ ކޮޅު އޮޅިގެންގޮސް ވަން ލަނޑެކެވެ. ނަމަވެސް މިދެލަނޑު ވެސް ވަނީ ސިލްވާ ޖެހި ދެލަނޑުގެ ގޮތުގައި ކަނޑައަޅާފައެވެ.
މި މެޗުގައި އިތުރު ލަނޑެއް ފެނިގެންނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ސިޓީ އާއި ނިއުކާސްލްއަށް ވެސް ލިބިގެންދިޔައެވެ. ނިއުކާސްލްއަށް ލިބުނު ފުރުސަތު ތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފުރުސަތު ލިބިގެންދިޔައީ ފުރަތަމަ ހާފުގައި އެލެގްޒެންޑާ އިސާކްއަށެވެ. ނަމަވެސް އޭނާ ވަަރަށް ހަމަޖެހިލައިފާ ގޯލަށް ފޮނުވާލި ބޯޅަ ވަނީ ސިޓީގެ ކީޕާ ސްޓެފެން އޯޓޭގާ ދިފާއުކޮށްފައެވެ.
މިކާމިޔާބީއާއެކު ސިޓީއިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކުރިއިރު ވަނީ އާރިކޯޑެއް ވެސް ގާއިމްކޮށްފައެވެ.
ސިޓީވެގެން ގޮސްފައިވަނީ ޖެހިޖެހިގެން ހަ ފަހަރު މިމުބާރާތުގެ ސެމީފައިނަލް އިން ޖާގަ ހޯދި ފުރަތަމަ ޓީމަށް ވެގެން ގޮސްފައެވެ.