17 Mar 2024, 20:16
އެމެރިކާގެ ކެލިފޯނިއާގައި މިހާރު ކުރިއަށްދާ އިންޑިއަން ވެލްސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ކާލޯސް އަލްކަރާޒް ޖާގަހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލުން މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ އަލްކަރާޒް ޖާގަހޯދީ މިމުބާރާތުގައި ތިންވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ ދެ ސެޓް އެއް ސެޓުން ބަލިކޮށްގެންނެވެ.
މި ސީޒަންގައި މިހާތަނަށް ބަލިނުވެ 19 މެޗު ހަމަކޮށްފައިވާ ސިނާ މިމެޗުގެ ފުރަތަމަ ސެޓް ފަސޭހަ ކަމާއެކު އެކެއް ހަޔަކުން ކާމިޔާބު ކުރުމާއެކު މި މެޗު އޭނާ ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފާނެކަމަށް ހީވެގެންދިޔަ ނަމަވެސް ދެވަނަ ސެޓު އަލްކަރާޒްވަނީ ހައެއް ތިނަކުން ކާމިޔާބުކޮށްފައެވެ. އަދި ފަހު ސެޓު އަލްކަރާޒް ކާމިޔާބު ކުރީ ހައެއް ދެއަކުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އަލްކަރާޒް ހާމަކުރިގޮތުގައި ފުރަތަމަ ސެޓަށްފަހު އޭނާގެ ކުޅުން ކޮންމެވެސް ވަރަކަށް ބަދަލުކޮށްލީ ކަމަށާއި އަދި އެންމެފަހުން މި މެޗުގައި ގެނައި ބަދަލު މަސައްކަތްކުރީ ކަމުގައި އޭނާ ހާމަކުރިއެވެ.
އަދި މިވަގުތު އެންމެ ފޯމުގައި ކުޅެމުންދާ ކުޅުންތެރިޔާ ފަހަތުން އަރާ ބަލިކޮށްލެޗުމުން ހިތްހަމަ ޖެހޭކަމަށެވެ.
ސިނާ ހާމަކުރިގޮތުގައި މިގޮތަށް މުބާރާތަށް އަލްވަދާއު ކިޔަން އޭނާ ބޭނުން ނުވި ކަމަށާއި އޭނާ މެޗުގެ ކުރީކޮޅު މޮޅަށް ކުޅެވުނު ކަމަށެވެ. ނަމަވެސް ފަހުން ބައެއް ގޯސް ހެދި މެޗު އަތުން ކައްސާލައިގެން ދިޔައީކަމުގައި އޭނާ ހާމަކުރިއެވެ.
މި މުބާރާތުގެ ފައިނަލްގައި އަލްކަރާޒް ބައްދަލުކުރާނީ މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ފައިނަލްގައި ވާދަކުރި ރަޝިއާގެ ޑަނީލް މެޑްވެޑޭވްއާއެވެ.