އިންގްލިޝް ޕްރިމިއާ ލީގުގައި ފުލަމް އާއި ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރި މެޗު ފުލަމްއިން ކާމިޔާބުކޮށްފިއެވެ.

ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 3 ލަނޑު ސުން ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ސްޕާސްއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ފުލަމްއިންނެވެ.

މި މެޗުގައި ފުލަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ސްޕާސް ފެނުނީ އާންމުކޮށް ފެންނަ ވަރަށް ވުރެ ދަށް ކުޅުމެއް ދެއްކި ތަނެވެ. ނަތީޖާއަކަށް ވެގެންދިޔައީ ފުލަމްއިން ސްޕާސްގެ ގޯލަށް ނުރައްކާ ކުރަން ފެށުމެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ފުލަމްއިން ޖަހާފައިވަނީ މެޗުގެ 42 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރޮޑްރިގޯ މުނީޒްއެވެ. މިލަނޑު ޖެހުމުގެ ކުރިން ވެސް ފުލަމަށްވަނީ މި މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިބިގެން ގޮސްފައެވެ.

މި މެޗުގެ ދެވަނަ ހާފު ވެސް ފުލަމް ފެށީ ފުރަތަމަ ހާފު ނިންމާލި ހިސާބުން ހަމާލާއަށް އިސްކަން ދެމުންނެވެ. މިގޮތުން ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ސާސާ ލުކިޗް ޖަހާދިން ލަނޑާއެކު ފުލަމްއިން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ. މިއީ ލުކިޗް ފުލަމްއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މި މެޗުގައި ފުލަމްގެ ފަހު ލަނޑު ޖަހައިދިނީ މިވަގުތު ވަރަށް ފޯމުގައި ކުޅެމުންދާ މުނީޒްއެވެ. މިލަނޑާއެކު އޭނާ މިވަނީ އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ހަތް ލަނޑު ކާމިޔާބު ކޮށްފައެވެ.

މިކާމިޔާބީއާއެކު ފުަމް މިހާރު އުޅެނީ ކުޅުނު 29 މެޗުން ލިބިފައިވާ 38 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ. އަދި މި މެޗުން ބަލިވުމުން ސްޕާސްއަށް މިވަނީ ތާވަލްގެ ހަތަރު ވަނައަށް އެރުމަށް ލިބިގެންދިޔަ ފުރުސަތު ގެއްލިގެން ގޮސްފައެވެ.

ސްޕާސް މިހާރު އުޅެނީ 28 މެޗުން ލިބިފައިވާ 53 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ. އެއީ ހަތަރު ވަނައިގާ އުޅޭ އެސްޓަން ވިލާ އަށް ވުރެ ދެ ޕޮއިންޓް ފަހަތުންނެވެ.

މިމުބާރާތުގައި ރޭ ކުޅުނު އަނެއް ދެމެޗަށް ބަލާލާއިރު ބާންލީ ދެ ލަނޑު އެއް ލަނޑުން ބްރެންޓްފަޑް ބަލިކުރިއިރު ލޫޓަން ޓައުން އާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.