ދުނިޔޭގައި ކުޅެވޭ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމުގައިވާ އިނގިރޭސި އެފްއޭ ކަޕްގެ ސެމީފައިނަލްއިން ޗެލްސީ ޖާގަހޯދައިފިއެވެ.

މި މުބާރާތުގެ ސެމީފައިނަލްއިން ޗެލްސީ ޖާގަހޯދީ ކްއާޓާ ފައިނަލްގައި ލެސްޓާ ސިޓީ އާ ބައްދަލު ކުރި މެޗު ހަތަރު ލަނޑު ދެ ލަނޑުން ކާމިޔާބު ކޮށްގެންނެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ޗެލްސީއިން ވަނީ މެޗުގެ 13 ވަނަ މިނެޓުގައި މާކް ކުކުރެޔާ ޖަހާދިން ލަނޑާއެކު މެޗުގެ ލީޑު ނަގައިފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޯލް ޕާމާ ޖަހާދިން ލަނޑުން ޗެލްސީއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފައެވެ.

ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ޗެލްސީއަށް ވަނީ ޕެނަލްޓީއެއްވެސް ލިބިގެން ގޮސްފައެވެ. ނަމަވެސް ރަހީމް ސްޓާލިން ފޮނުވާލި ޕެނަލްޓީ ވަނީ ލެސްޓާގެ ކީޕަރު ދިފާއުކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފަށް ލެސްޓާއިން ނިކުތީ އެ ޓީމުގެ ކުޅުން ރަނގަޅު ކޮށްގެންނެވެ. މިގޮތުން ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަ ވަަނަ މިނެޓުގައި ލެސްޓާއިން ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް މި ލަނޑަކީ ޗެލްސީގެ ޑިފެންޑާ އެކެސެލް ޑިސާސީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޑިސާސީ ރަނގަޅަށް ބަލާނުލާ ފަހަތަށް ކީޕަރަށް ޖައްސާލި ބޯޅަ ގޮސް ވަނީ ބައިކޮޅަށެވެ. އަދި މި ލަނޑު ޖެހިތާ 11 މިނެޓުފަހުން ލެސްޓާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެ ޓީމަށް ޖަހައިދިނީ ސްޓެފީ މަވިޑިޑީއެވެ.

މި ލަނޑާއެކު މި މެޗުން ޗެލްސީ ބަލިވެދާނެކަމަށް ހީވެގެންދިޔަ ނަމަވެސް މެޗުގެ އޮއެވަރު ބަދަލުވެގެންދިޔައީ މެޗުގެ 73 ވަނަ މިނެޓުގައި ކެލުމް ޑޮއިލް ޗެލްސީގެ ފޯވަޑް ނިކޮލަސް ޖެކްސަންއަށް ކުރި ފައުލާ ހިސާބުންނެވެ.

މެޗުގެ ރެފްރީ އެންމެ ފުރަތަމަ އެފައުލާ ގުޅިގެން ޗެލްސީއަށް ޕެނަލްޓީއެއް ދީ ޑޮއިލްއަށް ރީނދޫ ކާޑު ދެއްކި ނަމަވެސް ވީއޭއާރުން ބެލިބެލުމުން އެފައުލް ކުރެވިފައިވަނީ ޕެނަލްޓީ އޭރިއާ ބޭރުން ކަމަށްވާތީ ޕެނަލްޓީ އޭރިއާ ބޭރުން ޖެހުންދީ ޑޮއިލްއަށް ދެއްކި ރީނދޫ ކާޑުގެ ބަދަލުގައި ރަތް ކާޑު ދެއްކިއެވެ.

އެއް ކުޅުންތެރިން މަދުން ކުޅުނު ނަމަވެސް ލެސްޓާއިންވަނީ ޗެލްސީއަށް ލަނޑެއް ޖެހުނަނުދީ މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓާ ހަމައަށް ހިފަހައްޓާލައިފައެވެ. އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޗެލްސީއަށް މި މެޗުގައި އަނެއްކާ ލީޑު ލިބިގެންދިޔައީ ބަދަލު ކުޅުންތެރިޔާ ކާނީ ޗުކްވުއެމޭކާ ޖަހައިދިން ލަނޑުންނެވެ. އަދި އިތުރު ވަގުތުގެ އަށް ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ނޯނީ މަޑުއެކާ ޖަހައިދިން ލަނޑާއެކު ޗެލްސީއިން ލީޑު ފުޅާވެސް ކުރިއެވެ.

މި ނަތީޖާ އާއެކު ޗެލްސީ މި މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު ސެމީފައިނަލްގައި އެ ޓީމު ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއެވެ. މި ސީޒަންގައި މި ދެ ޓީމު މިހާތަނަށް ދެފަހަރު ބައްދަލުކޮށްފައިވާއިރު މި ދެ ފަހަރުވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ. އެހެންކަމުން މިއީ ފޯރިގަދަ ކުރިމަތިލުމަކަށް ވެގެންދާނެއެވެ.