ދުޢާ އަކީ މުއުމިނުންގެ ހަތިޔާރެވެ. އެއީ އެމީހުންގެ ކިއްލާއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (( الدُعاءُ سِلاحُ المؤمنِ وعِمادُ الدين ونورُ السماواتِ والأرضِ [1]– ދުޢާއަކީ މުއުމިނާގެ ހަތިޔާރެވެ. ދީނުގެ ތަބެވެ. އުޑުތަކާއި ބިމުގެ ނޫރެވެ. ))

މާތްﷲ ވަޙީކުރެއްވިއެވެ. ((وَالذَّاكِرِينَ اللَّه كَثِيْرًا وَالذَّاكِرَاتِ أَعَدَّ اللهُ لَهُمْ مَغْفِرَةً وَأَجْرًا عَظِيْمًا[2] –- ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ. ))

ކީރިތި ރަސޫލާ ޛިކްރުކުރުމާ ބެހޭގޮތުން ޙަދީޘްކުރައްވަނީ [ ތިޔަބައިމީހުންނަށް ﷲގެ މަތިން ގިނަގިނައިން ހަނދުމަ ކުރުމަށް އަމުރު ކުރެއްވިއެވެ. ހަމަކަށަވަރުން އޭގެ މިސާލަކީ އޭނާ ހޯދަން ވެގެން އޭނާގެ ދުޝްމަނު އޭނާގެ ފަސް ފަހަތުން އަވަސް އަވަހަށް ދިޔަ މީހާގެ މިސާލެވެ. އެ ދުޝްމަނުގެ ކިބައިން ސަލާމަތް ވުމަށްޓަކައި ވަރުގަދަ ކިއްލާއަކަށް އޭނާ ވަދެ ރައްކައުތެރިކަން ހޯދިއެވެ. ހަމަކަށަވަރުން ﷲގެ އަޅާ ޝައިޠާނާގެ ކިބައިން އެންމެ ރައްކައުތެރިކަން ބޮޑުވެގެންވަނީ ﷲ ހަނދުމަކޮށް ޒިކްރުކުރުން މަތީގައި ހުންނަ އިރުގައެވެ.]

އަޅުކަން ކުރުމަކީ ލޯތްބާއި ރުހުމާއެކު ކިޔަމަންގަތުމެވެ. މާތް ﷲ އިންސާނާ ހެއްދެވީ އެކަލާނގެއަށް އަޅުކަން ކުރުމަށްޓަކައެވެ. މާތް ވަޙީ ކުރެއްވިއެވެ. (( وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ [3]- ތިމަން ރަސްކަލާނގެއަށް އަޅުކަން ކުރުމަށް މެނުވީ ތިމަން ރަސްކަލާނގެ ޖިންނީންނާއި އިންސީން ނަހައްދަވަމުއެވެ.))

ކިޔަމަން ގަތުމާއި ބޯލެނބުމަކީ އެކަމުގައި ހިތާއި ގުނަވަންތައް ބައިވެރިވާ ކަމެކެވެ.ހިތުގެ ބޯލެނބުން ނުވަތަ ކިޔަމަންގަތުން ފުރިހަމަވާނީ އީމާންކަމުގެ ރުކުންތަކުންނެވެ. އެއީ ޢަޤާއިދީ ކަންތައްތަކެވެ. ނުވަތަ ޢަޤީދާގެ ބަޔެވެ. ޖިބްރީލުގެފާނު އީމާންކަމާ ބެހޭގޮތުން ސުވާލު ދެންނެވުމުން ރަސޫލުގެފާނު ވަނީ މިބައި ވިދާޅުވެ ދެއްވައިފައެވެ. އެއީ މާތް ﷲ އަށް އީމާންވުމާއި މަލާއިކަތުންނަށް އީމާންވުމާއި ފޮތްތަކަށް އީމާންވުމާއި އާޚިރަތް ދުވަހަށް އީމާންވުމާއި ޤަޟާ ޤަދަރަށް އީމާން ވުމެވެ.

ގުނަވަންތަކުގެ ކިޔަމަންގަތުން ފުރިހަމަވާނީ އިސްލާމްކަމުގެ ރުކުންތަކުންނެވެ. މިއީ ޝަރްޢީ ޙުކްމުތަކުގެ ބަޔެވެ. ޖިބްރީލުގެފާނު އިސްލާންކަމާ ބެހޭގޮތުން ސުވާލު ދެންނެވުމުން ރަސޫލާ r މިބައި ބަޔާން ކޮށްދެއްވިއެވެ. އެއީ ﷲ ފިޔަވާ އެހެން އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނަކީ ﷲގެ ރަސޫލާކަމަށް ހެކިވުމާއި ނަމާދުކުރުމާއި ރަމަޟާންމަހު ރޯދަ ހިފުމާއި ޒަކާތް ދިނުމާއި ކުޅަދާނަވެގެންވާ މީހާ ޙައްޖުވުމެވެ.

މާތް ﷲއަށް އަޅުވެތިވެވުނު ވަރަކަށް އޭނާ ﷲގެ ޙަޟްރަތާ ކުއްތަންވުން އިތުރު ވަމުންދާނެއެވެ. ކީރިތި ޤުރްއާނުގައި ރަސޫލުﷲގެފާނަކީ އެކަލާނގެ އަޅާކަމަށް ސިފަ ކުރައްވާފައި ވެއެވެ. މާތް ވަޙީ ކުރެއްވިއެވެ. (( وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ[4] - އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ.))

މިހެންވެ ރަސޫލާގެ އަރިހުން މި ހަތިޔާރު ހޯއްދެވުމަށް އަޞްހާބުން ވަރަށް މަސައްކަތްޕުޅު ކުރެއްވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ލޮބުވެތި އަޞްޙާބުންނަށް ދަސްކޮށް ދެއްވާފައިވާ ދުޢާތައް ވަރަށް ގިނައެވެ. މިއިން ކޮންމެ ދުޢާއަކީ ބަރަކާތްތެރި މާތް ބަސްފުޅުތަކެކެވެ. މުއްސަނދި ޚަޒާނާތަކެކެވެ. އެއިން ކޮންމެ ބޭކަލެއްގެ އަތްޕުޅުގައިވާ ބަސްފުޅުތަކަކީ މިދުނިޔެއާއި މިދުނިޔޭގައި ވާހައި އެއްޗަކަށް ވުރެ އަގުބޮޑު އެއްޗެކެވެ. އެބޭކަލުންގެ މަތިވެރިކަމުގެ ތެރޭގައި މި އެއްޗެހީގެ ޙަޤީޤީ އަގު އެގިވަޑައިގަތުން ވެއެވެ.

ރަމަޟާން މަހުގައި ދުޢާ އިޖާބަ ކުރައްވާ ޚާއްޞަ ވަގުތުތަކެއް ވެއެވެ. ޚާއްޞަ ދުވަސްތަކެއްވެއެވެ. ކީރިތި ރަސޫލާ ރަމަޟާން މަސް ތިންބަޔަކަށް ބެއްސެވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވަނީ (( وَهوَ شَهْرٌ أوَّلُهُ رحمةٌ، وأوسطُهُ مغفرةٌ، وآخرُهُ عتقٌ منَ النّارِ[5] - އެއީ، އެމަހުގެ ކުރީކޮޅުގައި ރަޙްމަތް ، މެދުތެރޭގައި ފުއްސެވުން އަދި ފަހުކޮޅުގައި ނަރަކައިން މުއްތި ކުރެއްވުން އޮތް މަހެވެ.]

އެހެން ކަމުން ކޮންމެ ދިހައެއްގައި އެ ދިހައަކަށް ޚާއްޞަވެގެންވާ ކަންތަކަށް އެދި ދުޢާ ދަންނަވަންވީއެވެ. މި އިން ކޮންމެ ކަމަކީ ވެސް ޢާޚިރަތަށްޓަކައި ކުރާ މަސައްކަތެކެވެ.

ރަމަޟާން މަހުގެ ޚާއްޞަ އިމްތިޔާޒުތަކުގެ ތެރޭގައި، ﷲގެ މަލާއިކަތުން ކޮންމެދުވަހަކާއި ކޮންމެ ރެއަކު ރޯދަވެރިންނަށް ފާފަފުއްސަވާ ދެއްވުމަށް އެދި ދުޢާކޮށް ދެއްވުން ވެއެވެ. މަލާއިކަތުންގެ ދުޢާއަކީ ﷲގެ ޙަޟްރަތުގައި އިޖާބަވަނިވި އެއްޗެކެވެ. އެހެނީ ،އެބޭކަލުން ކުރައްވާކަމެއް ކުރައްވަނީ ﷲ އެކަމަށް އިޒުނަ ދެއްވީމައެވެ.

ރަމަޟާންމަހުގެ އެންމެ ފަހު ރޭ ހުރިހާ ރޯދަވެރިންނަށް މާތްﷲ ފާފަފުއްސަވާ ދެއްވުމަކީ ވެސް ރަމަޟާން މަހުގެ ޚާއްޞަ އިމްތިޔާޒުތަކުގެ ތެރޭގައިވާ ކަމެކެވެ. އެއީ، މީހަކު ،މީހަކަށް މަސައްކަތެއް ކޮށްދިނުމުން، އެމީހަކަށް އެކުރި މަސައްކަތުގެ އަގު ދެވޭގޮތަށް، މާތްﷲ ރޯދަވެރިންނަށް ދެއްވާ ސަވާބެވެ. ނުވަތަ އަޖްރެވެ.

ރަމަޟާން މަހުގައި ދުޢާ ކުރުން އިތުރު ކުރަންވީ އެހެން ސަބަބެއް ވެސް އެބަ އޮތެވެ. އެއީ އެ މަހުގައި މާތް ﷲ ލައްވާފައި ވާ ލައިލަތުލްޤަދްރި ވިލޭރޭ އެ މަހުގައި ވާތީއެވެ. އެއީ ދުޢާގެ ރެއެވެ. އެ ރޭ ކުރާ ދުޢާ އިޖާބަ ކުރައްވާނެތީއެވެ.

މީގެ އިތުރަށް ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ ރޯދަވެރިއާ، ރޯދަ ވީއްލާ އިރު ކުރާ ދުޢާ ﷲގެ ޙަޟްރަތުގައި ޤަބޫލުވެގެން ވެއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ރޯދަވީއްލާ އިރު ދުޢާ ކުރަން ހަނދާން ބަހައްޓަމާތޯއެވެ.

އެހެންކަމުން ރަމަޟާން މަހަކީ ދުޢާގެ މައްސަރެވެ.

ޝަރްޠުތަކެއްގެ މަތިން

ނަމަވެސް ދުޢާ ޤަބޫލު ކުރައްވަނީ ވަކި ޝަރްޠުތަކެއްގެ މަތިންނެވެ. މި ޝަރްޠުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ އޭނާ ހޯދާ އެއްޗެއް ރަނގަޅު ޙަލާލު ގޮތުގައި ހޯދުމެވެ. އެއީ އޭނާގެ ކެއުމާއި ބުއިމާއި ލައިއުޅޭ ފޭރާންފަދަ ތަކެތި ޙަލާލު އެއްޗެހި ކަމުގައި ވުމަށްޓަކައެވެ. މިހެންވެ ރަސޫލު ﷲގެފާނު އެކަލޭގެފާނުގެ އަޞްޙާބުންނަށް އެބޭކަލުން ހޯއްދަވާ އެއްޗެއް ޙަލާލު ގޮތުގައި ހޯއްދެވުމަށް އިރްޝާދު ދެއްވިއެވެ. ރަސޫލުގެފާނު ސަޢުދު ބްނު މުޢާޛަށް ވިދާޅުވިއެވެ. (( يا سَعْدُ أطِبْ مَطعَمَكَ تكُنْ مُستجابَ الدَّعوةِ [6]- އޭ ސަޢުދުގެފާނެވެ. ކަލޭގެފާނު ފަރިއްކުޅުއްވާ އެއްޗެހި ރަނގަޅު އެއްޗެހި ކަމުގައި ހައްދަވާށެވެ. އޭރުން ކަލޭގެފާނަކީ ދުޢާ އިޖާބު ވެވިގެންވާ ބޭކަލަކު ކަމުގައި ވެވަޑައިގަންނަވާނެއެވެ.))

ތިމާ ކުރާ ދުޢާ އިޖާބަ ނުކުރައްވައިގެން ކަންބޮޑުވެގެން ނުވާނެއެވެ. އެހެނީ ދުޢާކުރުމަކީ އޭގެ އަމިއްލަ ޒާތުގައި އަޅުކަމެކެވެ. ކީރިތި ރަސޫލާ ޙަދީސް ކުރެއްވިއެވެ. (( الدُّعاءُ هو العبادةُ [7]- ދުޢާއަކީ ހަމަ އަޅުކަމެވެ. )) އެހެން ބަސްފުޅެއްގައި ވެއެވެ. ((الدُّعاءُ مُخُّ العبادةِ[8] - - ދުޢާއަކީ އަޅުކަމުގެ ސިކުނޑިއެވެ.)) އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް އޮތީ ދުޢާކުރުމެވެ. މާތް الله އަންގަވަނީ ތިޔަބައިމީހުން ދުޢާކުރާށެވެ. އޭރުން ތިމަން ރަސްކަލާނގެ ތިޔަބައި މީހުންގެ ދުޢާއަށް އިޖާބަ ދެއްވާނަމެވެ.

މާތް ﷲގެ އިރާދަފުޅާ އެއްގޮތަށް އަޅުގަނޑުމެންގެ ދުޢާތަކަށް އިޖާބަ ދެއްވާނެއެވެ. އެ ދުޢާއަށް އިޖާބަ ދެއްވަންވީ ވަގުތާއި ގޮތް ކަނޑައަޅުއްވަނީ ހަމަ އެކަލާނގެއެވެ. އެކަމުގެ ޙިކްމަތް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. އަޅުގަނޑުމެން ކުރާ ދުޢާއަކީ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ. މާތް ﷲ ބައެއް ދުޢާއަށް ވަގުތުން އިޖާބަ ދެއްވައެވެ. އަނެއްބައި ދުޢާއަށް ތަންކޮޅެއް ފަހުން އިޖާބަ ދެއްވައެވެ. އަދި އަނެއްބައި ދުޢާ ދުނިޔެމަތީގައި އިޖާބަ ނުދެއްވަވާ އާޚިރަތް ދުވަހަށްޓަކައި ރައްކައު ކޮށްދެއްވައެވެ. އާޚިރަތް ދުވަހު މިފަދަ ދުޢާތަކުގެ ދަރުމަ އޭނާއަށް ދެއްވުމުން އޭނާގެ އެއްވެސް ދުޢާއެއް ދުނިޔެ މަތީގައި އިޖާބަ ނުކުރެއްވިނަމަ ހާދަ ރަނގަޅު ވީހޭ ހިތަށް އަރާނެއެވެ. މާތް ﷲ ބައެއް ފަހަރަށް އެމީހާ ކުރާ ދުޢާއާ އެއްފަދަ ނުބައިކަމަކުން ސަލާމަތް ކޮށްދެއްވައެވެ. އަޅުގަނޑުމެންގެ މައްޗަށް އޮތީ ދުޢާ ކުރުމެވެ. އެކަލާނގެ އަޅުގަނޑުމެންގެ އެއްވެސް ދުޢާއެއް ގެއްލެނި ނުކުރައްވާނެތެވެ.

ރިފަރެންސް:

[1] - أخرجه أبو يعلى (٤٣٩ )، وابن عدي في ((الكامل)) (٧/ ٣٧٤)، والحاكم (١٨١٢ )، والقضاعي في ((مسند الشهاب)) (١٤٣ )
[2] - الأحزاب :35
[3] - الذاريات : 56
[4] - البقرة : 186
[5] - صحيح ابن خزيمة (٣/ ٣٤١ )
[6] - الطبراني في «المعجم الأوسط» (٦٤٩٥)
[7] - أخرجه أبو داود (١٤٧٩)، والترمذي (٢٩٦٩)، وابن ماجة (٣٨٢٨)
[8] - أخرجه الترمذي(٣٣٧١)،والطبراني في «المعجم الأوسط» (٣١٩٦)