މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި މި އަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ބޭއްވުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރި އިއުލާނެއްގައި ވަނީ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ބޯޅަދަނޑު، ހުޅުމާލެ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކް ސަރަހައްދު، އަދި ހުޅުމާލެ ފޭސް ދޭއްގެ ކްރިކެޓް ސްޓޭޑިއަމްގައި ފިތުރު އީދު ނަމާދުގެ ބޮޑުޖަމާއަތް އޮންނާނެކަން ހާމަ ކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު އިއުލާންކޮށްފައިވަނީ މާލެ ސަރަހައްދުން ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ ހަތަރު ސަރަހައްދުގައި ސައުންޑް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށެވެ.

އީދު ނަމާދުގެ ޖަމާއަތް ފަށާ ގަޑި އަވަސްކުރުމަށް މަޝްވަރާކުރަމުންދާ ކަމަށް އިސްލާމިކް މިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އީދު ނަމާދުގެ ޖަމާއަތް ފަށާގަޑި އަވަސް ކުރުމުމުގެ މަޝްވަރާ ފެށީ، ބޮޑު ޖަމާއަތުގައި ނަމާދުކޮށް ނުނިމެނީސް އަވި އަރާތީ، ގިނަބައެއް އެކަމުގެ ޝަކުވާ ކުރުމާ ގުޅިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މަޝްވަރާތަކަށް ފަހު އީދު ނަމާދުގެ ޖަމާއަތް ފަށާނެ ވަގުތެއް ނިންމާނީ އިލްމުވެރިންނެވެ.

މިހާރު ޢީދު ނަމާދުގެ ޖަމާއަތް ފަށަނީ ހެނދުނު 7:30 ގައެވެ.

ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާއިރު އެ ވަގުތުގައި އަވި ބާރުވުމުގެ ސަބަބުން ދަތިތައް ކުރިމަތިވެއެވެ.