20 Mar 2024, 19:56
އިންގްލިޝް ޕްރިމިއާ ލީގުގެ އާސެނަލްއަށް ކުޅެމުންދާ ޖަޕާންގެ ބައިނަލްއަޤްވާމީ ޑިފެންޑާ ޓަކެހީރޯ ޓޮމިޔާސޫ އެކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.
މި އާ އެއްބަސްވުމުގެ ދަށުން ޓޮމިޔާސޫ އާސެނަލްގައި 2026ވަނަ އަހަރުގެ ނިޔަލަށް ދެމިހުންނާނެއެވެ. އޭނާ ކުރިން ސޮއިކޮށްފައިވާ އެއްބަސްވުން އަންނަ އަހަރުގެ ނިޔަލަށް ހަމަވާނެއެވެ.
މި އާ އެއްބަސްވުމުގެ ދަށުން އިތުރު އެއް އަހަރު އިތުރު ކުރުމުގެ ފުރުސަތު ވެސް ހިމެނެއެވެ. 2021ވަނަ އަހަރުގެ އިޓާލިއަން ސެރީއާގެ ބޮލޯނިއާއިން އާސެނަލްއަށް ބަދަލުވި ޓޮމިޔާސޫވަނީ މިހާތަނަށް 73 މެޗު އާސެނަލްއަށް ކުޅެދީފައެވެ.
އަދި މި ސީޒަންގައި މިހާތަނަށް 20 މެޗުގައި އޭނާވަނީ އާސެނަލްއަށް ކުޅެފައެވެ. އަދި އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑުވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޕްރިމިއާ ލީގުގައި ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށް ކުޅެ މޮޅުވި މެޗުގައި ޖަހައިދީފައެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ހާމަކުރިގޮތުގައި ޓޮމިޔާސޫއަކީ ފާހަގަ ކޮށްލެވޭ މޮޅު ޑިފެންޑަރެކެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ހުނަރާއި ވިސްނުން ތޫނުކަމުގެ އިތުރުން އަހުލާގަށް ބަލާއިރު އޭނާ ގުނާލެވޭނީ އެންމެ މަތީފަންތީގައެވެ.
އޭނާއަކީ މުޅި ޓީމުގެ ލޯތްބާއި އިހްތިރާމު ލިބިފައިވާ އާސެނަލް ޓީމުގެ މުހިންމު ކުޅުންތެރިއެއްކަމުގައި ވެސް އާޓޭޓާ ފާހަގަކުރިއެވެ.