ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކުރުމުގެ ނަމުގައި ރިސޯޓު ތަރައްގީކުރަން ފަޅުތައް ހިއްކައި ފަރުތައް ނެތިކުރުމުގެ ބަދަލުގައި ހުސްކޮށް ހުރި ރަށްތައް ބޭނުންކުރަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވައިލައްވައިފިއެވެ.

ތިމާވެށީގެ ކަންކަމުގައި ވަކާލާތު ކުރެއްވުމުގައި ވެސް އިސްކޮށް މަސައްކަތްކުރައްވާ ނަޝީދު މިފަދައިން ގޮވައިލެއްވީ އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ މަނިކުފާނު ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއުތަކާ ގުޅުންހުރި އެކި މަސައްކަތްތަކާއި، ފަޅުތަކާއި ފަރުތައް ހިއްކައިގެން ތަރައްގީކުރާ ރިސޯޓުތަކާ ގުޅޭގޮތުން ދެވަނަ ވިސްނުމަކުން ވިސްނަންޖެހޭ ކަމަށެވެ.

އަދި އެ ފަދައިން ފަޅެއް ހިއްކައިގެން ރަށެއް ތަރައްގީކުރުމުގެ ބަދަލުގައި، ރާއްޖޭގައި މިހާރު ވެސް ބޭނުންކުރެވޭހެން ގިނަ، ހުސް ފަޅު ރަށްތައް އެބަހުރިކަމަށް ނަޝީދު ވިދާޅުވިއެވެ.

"ހިއްކުމުގެ ބައްދަލުގައި، ރާއްޖޭގައި އެބަހުރި ބޭނުންވާ މިންވަރަށް ހުސްކޮށް [ފަޅަށް] ހުރި ރަށްރަށް،" ނަޝީދުގެ އެކްސް ޕޯސްޓުގައި ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ވެއްޓާއި މުރަކައާއި ފަރުތައް ހިމާޔަތްކުރަންޖެހޭ ކަމަށާއި ފަތުރުވެރިކަމަށް އެ ތަންތަން ނައްތައިލަންވީ ނޫންކަމަށެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވެ ޝުއޫރުތައް ހިއްސާކުރެއްވިއިރު، މި ދުވަސްވަރު ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު ހޫނުވުން އާދަޔާ ޚިލާފު މިންވަރަކަށް އިތުރުވެ މުރަކަ ހުދުވުމުގެ މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ.

އެ ކަމުގެ ކަންބޮޑުވުން ތިމާވެށީގެ ހައްގުގައި ވަކާލާތުކުރާ މީހުން އަންނަނީ ފާޅުކުރަމުންނެވެ.

މިހާރު ރައީސް ނަޝީދު ދިރިއުޅުއްވަނީ ގާނާގައެވެ. ގާނާއަށް ދިރިއުޅުން ބަދަލުކުރެއްވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމް ފުރުއްވާށެވެ.

އެއާއެކު އެ މަނިކުފާނު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން އަންނަ ކަންކަމަށް މާ ބޮޑު ބަސްފުޅެއް ވިދާޅުވެ ނުހައްދަވައެވެ.