22 Mar 2024, 11:55
ރަސޫލާ ﷺ ރަމަޟާން މަހުގެ ދުވަސްތައް ހޭދަކުރެއްވީ ކިހިނެއްހެއްޔެވެ؟ ހާރު ފަރިއްކުޅުއްވީ ކޮން އެއްޗަކުންނެވެ؟ ރޯދަފުޅު ވީއްލެވީ ކިހިނެއް ހެއްޔެވެ؟
ނަބިއްޔާ صلى الله عليه وسلم ރޭގަނޑު އަނެއްދުވަހު ރޯދަފުޅު ހިއްޕެވުމަށް ޢަޒުމު ކަނޑައެޅުއްވިއެވެ. އެކަލޭގެފާނު ހާރު ފަރިއްކުޅުއްވަނީ ކޮންމެ ވެސް އަނބިކަނބަލެއްގެ ކޮޓަރިކޮޅަށް ވަޑައިގެންނެވެ. ބުރުޖައްސަވައިގެންނެވެ. އެއްވެސް އަނބިކަނބަލަކު ބާކީއެއް ނުކުރައްވައެވެ. މީރު އެއްޗެއް ހުރީ ކޮންބޭކަނބަލެއްގެ އަތްޕުޅުގައިތޯއެއް ނުބައްލަވައެވެ.
އެކަލޭގެފާނު ހާރަށް ފަރިއްކުޅުއްވަނީ ވަރަށް ކުޑަ އެތިކޮޅެކެވެ. ބައެއްފަހަރަށް ކަދުރުކޮޅަކާއި ފެންފޮދަކުންނެވެ. ރަސޫލުﷲގެފާނު ބައެއް ފަހަރަށް ބައެއް ޞަޙާބީންނާއެކުގައި ވެސް ހާރުފަރިއްކުޅުއްވައިފައި ވެއެވެ. ޞަޙީޙުލް ބުޚާރީން އެނގޭގޮތުގައި ރަސޫލުﷲގެފާނު ޒައިދު ބިން ޙާރިޘަތުގެފާނާއެކު ހާރު ފަރިއްކުޅުއްވިއެވެ. ހާރުފަރިއްކުޅުއްވާ ނިމިގެން ވަޑައިގަންނަވަނީ މިސްކިތަށެވެ. ހާރުފަރިއްކުޅުއްވުމާ ފަތިސްނަމާދާ ދެމެދުގައި އޮންނަނީ ފަންސާހަކަށް އާޔަތް ކިޔެވޭހާ ވަގުތުކޮޅެކެވެ.
ފަތިސްނަމާދަށް ބަންގި ގޮވީމާ މިސްކިތަށް ވަޑައިގެން ފަތިސް ނަމާދުގެ ސުންނަތް ކުރައްވައެވެ. ފަތިސް ނަމާދުގެ ސުންނަތުގެ ދެ ރަކްޢާތް ކުރައްވަނީ ވަރަށް ލުއިކޮށްނެވެ. އެއަށްފަހު ގެކޮޅަށް އެނބުރިވަޑައިގެން ބިލާލުގެފާނު ގަމަތް ދެއްވަންދެން ގެކޮޅުގައި މަޑުކޮށްލައްވައެވެ. ގަމަތް ދެއްވުމުން މިސްކިތަށް ވަޑައިގެން އިމާމުވެ ވަޑައިގެން ފަތިސްނަމާދު ކުރައްވަފައެވެ.
ފަތިސްނަމާދު ކުރެއްވުމަށް ފަހު ޒިކުރު ކުރައްވަން މިސްކިތުގައި މަޑުކުރައްވައެވެ. އިރުއަރައި ވިއްސަކަށް މިނެޓު ފާއިތުވުމުން ނުވަތަ އެއަށްވުރެ ތަންކޮޅެއް ގިނައިރުފަހުން ތެދުވެ ވަޑައިގެން ދެ ރަކްޢަތް ކުރައްވަތެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައިވާ ގޮތުގައި މި ގޮތަށް ޢަމަލުކުރިމީހާއަށް ޙައްޖެއް ނުވަތަ ޢުމްރާއެއްވުމާ އެއްފަދަ ސަވާބު ދެއްވާނެތެވެ. ކުޑަކުޑަ ޢަމަލަކުން ކިހާބޮޑު ސަވާބެއް ތޯއެވެ؟ މި އޮތީ ކޮންމެ ދުވަހަކު ޙައްޖެއްވުމުގެ ސަވާބު ލިބޭނެ ދޮރެއް ހުޅުއްވައި ދެއްވައިފައެވެ. މިއީ ރަމަޟާން މަހަށް ޚާއްޞަ ކަމެއް ނޫނެވެ.
ރަސޫލާ صلى الله عليه وسلم ގެކޮޅުގައި އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނަށް ޚިދުމަތްކޮށްދެއްވައި އެ ކަނބަލުންގެ މަސައްކަތްޕުޅުތަކުގައި އެހީވެދެއްވިއެވެ. އެކަނބަލުންނާ ސަމާސާކުރައްވައި އޯގާވެރިކަމާއެކު މުޢާމަލާތު ކުރައްވަމުން ވަޑައިގަތެވެ.
އިރުއޮއްސުމުގެ ތަންކޮޅެއް ކުރިން ހަވީރުގެ ޒިކުރުތަކާއި ދުޢާތައް ވިދާޅުވެއެވެ. މަޣްރިބު ނަމާދަށް ބަންގިގޮވުމުން ރޯދަފުޅުވީއްލަވަން ތައްޔާރުކުރައްވައިފައިވާ ފުޠޫރު ގެނެސްދެއްވުމަށް އެ ދުވަހު އެ ކޮޓަރިކޮޅެއްގައި ރޯދަފުޅުވީއްލަވަން ހަމަޖެހިފައިވާ އަނބިކަމަނާއަށް ވިދާޅުވެއެވެ. މަޣްރިބު ނަމާދު ކުރެއްވުމުގެ ކުރިން ރޯދަފުޅު ވީއްލަވައެވެ. މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކުފާނުގެ އަރިހުން ރިވާވެގެންވާ ގޮތުގައި ނަބިއްޔާ صلى الله عليه وسلم ރޯދަފުޅު ވީއްލަވަނި ރޯ ކަދުރުކޮޅަކުންނެވެ. ނެތްނަމަ ހިކި ކަދުރުކޮޅަކުންނެވެ. ކަދުރުކޮޅެއް ނެތްނަމަ ފެންފޮދަކުންނެވެ. ރޯދަފުޅު ވީއްލެވުމަށްފަހު ދެން ވަޑައިގަންނަވަނީ މިސްކިތަށެވެ. މަޣްރިބު ނަމާދު ކުރެއްވުމަށްފަހު ގެކޮޅަށް ވަޑައިގެން މަޣްރިބު ނަމާދުގެ ފަހު ސުންނަތް ގޭގައި ކުރައްވަތެވެ. އެއަށްފަހު ޢިޝާނަމާދަށް ބަންގި ގޮވަންދެން އަނބިއަނބިކަނބަލުންނާއެކު މަޑުކުރައްވައެވެ. ޢިޝާނަމާދުގެ އިހު ސުންނަތް ކުރައްވަނީ ގެކޮޅުގައެވެ. އެއަށްފަހު މިސްކިތަށް ވަޑައިގެން ޢިޝާނަމާދު ކުރައްވައެވެ.
ކީރިތި ރަސޫލާ އަޞްޙާބުބޭކަލުންނާއެކު މިސްކިތުގައި ތިން ރެއަކު ތަރާވީޙު ނަމާދު ކުރެއްވިއެވެ. ތަރާވީޙުނަމާދު މި އުންމަތުގެ މީހުންގެ މައްޗަށް ފަރްޟުކުރައްވައިފާނެތީ ބިރުފުޅުން އިތުރު ރެއަކު ޖަމާޢަތުގައި މިސްކިތުގައި ތަރާވީޙުނަމާދެއް ނުކުރައްވައެވެ. ރަސޫލާ صلى الله عليه وسلم ތަރާވީޙު ނަމާދުގައި ވަރަށް ދިގުކޮށް ކިޔަވާވިދާޅުވެފައި ވެއެވެ.
ރޭގަނޑު އަވަހާރަފުޅު ލައްޕަވަނީ ތަރާވީޙުނަމާދު ކުރައްވައިގެންނެވެ. ވިތުރި ވެސް ކުރައްވައިގެންނެވެ. ރަސޫލާ ޙަދީޘްކުރައްވައިފައިވާ ގޮތުގައި އެކަލޭގެފާނުގެ ހަށިކޮޅު ނިދިޔަސް އެކަލޭގެފާނުގެ ހިތްޕުޅެއް ނުނިދާނެއެވެ. ހިތްޕުޅު އަބަދުވެސް އޮންނާނީ ﷲއަށް ޒިކުރުކުރުން މަތީގައެވެ.
ރަސޫލާ صلى الله عليه وسلم ރަމަޟާންމަހުގެ ބައެއް ރޭރޭގައި އަނބިއަނބިކަނބަލުންނާއެކު ރޭކުރައްވައި އެއްދާނުކުރައްވައިފައިވެއެވެ. އަވާހަރަފުޅު ލައްޕަވައިފައި ތެދުވެވަޑައިގަންނަވަނީ ފަތިސްނަމާދަށް ގޮވީމައެވެ. އެއަށްފަހު ނާނޭފުޅުފިއްލަވައިގެން މިސްކިތަށް ވަޑައިގެން ފަތިސްނަމާދު ކުރައްވައެވެ. ރަސޫލާ މި ގޮތަށް ޢަމަލުކުރެއްވީ އުންމަތަށް ދަސްކޮށްދެއްވުމަށް ޓަކައެވެ. މިއިން އެނގެނީ ރޭގަނޑަކީ ރޯދަހިފަންޖެހޭ ވަގުތެއްނޫންކަމެވެ. އެހެނަސް ރޯދަހިފަން ޖެހެނީ ފަޖްރުއްޞާދިޤުގެ އަލިކަން ފާޅުވާ ހިސާބުން ފެށިގެން ގޮސް އިރު އޮއްސެންދެނެވެ.
ރަސޫލާ صلى الله عليه وسلم ރަމަޟަން މަހުގެ ވަގުތުތައް ހޭދަކުރައްވަނީ ޤުރްއާން ކިޔަވާވިދާޅުވުމާއި ޒިކްރުކުރެއްވުމާއި ނަމާދުފުޅުކުރެއްވުމާއި ޞަދަޤާތްކުރެއްވުމާއި ރޯދަފުޅުހިއްޕެވުމުގައެވެ.
ރަސޫލާ ﷺ އަކީ ރަމަޟާންމަހުގައި އާދަޔާޚިލާފަށް ވަރަށް ދީލަތި ބޭކަލެކެވެ. އެކަލޭގެފާނުގެ ދީލަތިފުޅުކަމުގެ މިސާލަކީ ނަލަވައިރޯޅިއެއްގެ މިސާލެވެ. އެކަލޭގެފާނު މުސްލިމުންނަށް ރަމަޟަންމަހުގައި ދީލަތިވުމަށް ގޮވައިލެއްވިއެވެ. އެކަލޭގެފާނު ބަޔާންކޮށްދެއްވައިފައިވާ ގޮތުގައި މީހަކަށް ރޯދަވީއްލޭނެ ގޮތް ތަނަވަސްކޮށްދިން މީހާއަށް ރޯދައެއްހިފުމުގެ ސަވާބު ދެއްވާނެއެވެ. އޭރުން އެ ދުވަހު ދެ ރޯދަހިފުނީއެވެ. މިއީ ތިބާގެ އެކައުންޓު ފުރައިލެވޭނެ އިތުރު ވަސީލަތެކެވެ.
އެކަލޭގެފާނަކީ ކެތްތެރިކަމުގައި ނަމޫނާ ބޭކަލެކެވެ. ރަމަޟާންމަހަށް ކެތްތެރިކަމުގެ މަހޭ ކިޔެއެވެ. އެކަލޭގެފާނު އުންމަތަށް ބަޔާންކޮށްދެއްވީ ރަމަޟާންމަހަކީ ކެއިންބުއުމުގެ މަހެއްނޫންކަމެވެ. އެއީ މަޖާކުރުމުގެ މަހެއްނޫންކަމެވެ. އެއީ ހަލީސާގެ މަހެއްނޫންކަމެވެ. ރަސޫލާ صلى الله عليه وسلم ދަސްކޮށްދެއްވައިފައިވާ ގޮތުގައި ރަމަޟާން މަހަކީ ޢިބާދާތުގެ މަހެކެވެ. ޠާޢަތުގެ މަހެކެވެ.
ރަސޫލާ ރޭގަނޑުގެ ޤިޔާމު ނަމާދު ކުރައްވައިފައިވަނީ ގެކޮޅުގައެވެ. އެއީ މުސްލިމުންގެ މައްޗަށް އެ ނަމާދު ފަރްޟުކުރައްވައިފާނެތީއެވެ. އަދި އުންމަތަށް ބުރަކަމަކަށް ވެދާނެތީއެވެ.
ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި އެކަލޭގެފާނުގެ ރޭއަޅުކަންކުރެއްވުން އިތުރުވެފައިވެއެވެ. އެ ރޭތަކުގައި އަނބިއަނބިކަނބަލުން އަޅުކަންކުރެއްވުމަށްޓަކައި އަވަހާރަފުޅުން ނެންގެވިއެވެ. މި ރޭތަކުގައި އިޢުތިކާފު ކުރެއްވިއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެންމެފަހު އަހަރުގައި ރަމަޟާންމަހުގެ ފަހު ވިހި ރޭ މިސްކިތުގައި އިޢުތިކާފު ކުރެއްވިއެވެ.
ރަމަޟަންމަހުގެ ފަހުދިހައިގައި ލައިލަތުލް ޤަދްރި ލިބޭތޯ މަސައްކަތްކުރުމަށް ކައު ރަސޫލާ މުސްލިމުންނަށް އިރްޝާދުދެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (( تَحَرَّوْا لَيْلَةَ القَدْرِ في العَشْرِ الأواخِرِ مِن رَمَضانَ [1] - ރަމަޟާންމަހުގެ ފަހު ދިހައިގައި ލައިލަތުލްޤަދްރިވިލޭރޭ ލިބޭތޯ ތިޔަބައިމީހުން ގަދައަޅައި މަސައްކަތްކުރާށެވެ!))
ލައިލަތުލްޤަދްރިވިލޭރޭ ކުރާނީ ކޮން ދުޢާއެއްތޯ ޢާއިޝަތުގެފާނު ސުވާލުކުރެއްވުމުން ޙަދީޘްކުރެއްވީ ކަމަނާ ވިދާޅުވާށެވެ. (( اللَّهمَّ إنَّكَ عفوٌّ كَريمُ تُحبُّ العفوَ فاعْفُ عنِّي [2]-ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ މާފުކުރެއްވުމަށް ލޯބިކުރައްވާ މާފުކުރައްވާ ދީލަތިވަންތަ ރަސްކަލާނގެއެވެ. ފަހެ މި އަޅާއަށް މާފުކުރައްވާނދޭވެ!))
ރަސޫލާ صلى الله عليه وسلم އަކީ ނަމޫނާ ފިރިކަލެކެވެ. އެކަލޭގެފާނު ގަދައަޅުއްވާ މަސައްކަތްޕުޅުކުރައްވައިފައިވަނީ އެކަލޭގެފާނުންގެ އަހްލުން ﷲއަށް ކިޔަމަންތެރި ބަޔަކަށް ހެއްދެވުމަށެވެ. އެކަލޭގެފާނުންގެ އަހްލުން އާޚިރަތަށް އިސްކަންދެއްވާ ބަޔަކަށް ހެއްދެވުމަށެވެ. އެކަލޭގެފާނުގެ އަހްލުން ބަދިގޭގައި ކާބޯތަކެތި ހެއްދެވުމުގައި އަވަދިނެތިވެއުޅުއްވުމަކަށް އިރްޝާދެއް ނުދެއްވައެވެ. އެކަލޭގެފާނު މަސައްކަތްޕުޅުކުރެއްވީ މާތްﷲ އަންގަވައިފައިވާ ފަދައިން އެކަލޭގެފާނުންގެ އަހްލުން ނަރަކައިން ސަލާމަތްކުރެއްވޭތޯއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((يَاأَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا[3] - އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! ))
ރިފަރެންސް:
[1] - صحيح البخاري ٢٠٢٠
[2] - أخرجه الترمذي (٣٥١٣) والنسائي في ((السنن الكبرى)) (٧٧١٢)، وابن ماجه (٣٨٥٠)، وأحمد (٢٥٣٨٤)
[3] - التحريم: 6