22 Mar 2024, 11:27
އަންނަ މަހު 19 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމު "ދޯ އޯރު ދޯ ޕިޔާރު"ގެ ފުރަތަމަ ޓީޒާ އާއްމުންނަށް ދައްކާލައިފިއެވެ.
ބަތަލާ ވިދިޔާ ބާލަން، އިލިއާނާ ޑި ކްރޫޒް، ޕްރަތީކް ގާންދީގެ އިތުރުން އާއްމުކޮށް ހޮލީވުޑްގެ ފިލްމުތަކުން ފެންނަ އެކްޓަރު ސެންދިލް ރާމަމުރުތީ މުހިއްމު ރޯލް ކުޅޭ މި ފިލްމަކީ، މި ޒަމާނުގެ ލޯބީގެ ގުޅުންތައް ދައްކުވައިދޭ ރޮމޭންޓިކް ކޮމެޑީއެކެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝިރްޝާ ގުހާއެވެ.
ފިލްމުގައި ވިދިޔާ ކުޅެފައިވަނީ މީގެ ކުރިން ބަތަލާ ނުކުޅޭ ކަހަލަ ރޯލެކެވެ. މީގެ ކުރިންވެސް ވިދިޔާ އަކީ ވަރަށް ތަފާތު ރޯލްތައް ކުޅެ ބެލުންތެރިންގެ ތަރުހީބު ހޯދާފައިވާ ބަތަލާއެކެވެ.

ފިލްމު "ދޯ އޯރު ދޯ ޕިޔާރު"ގެ ޕޯސްޓަރެއް-- ފޮޓޯ/ޓެލެގްރާފްއިންޑިއާ
މި ފިލްމަކީ ބަތަލާ އިލިއާނާ މަންމައަކަށްވުމަށް ފަހު ބެލުންތެރިންނަށް ގެނެސްދޭ އޭނާގެ ދެވަނަ ފިލްމެވެ. ފިލްމުގައި އިލިއާނާއާއި ވިދިޔާއަކީ ވެސް ކައިވެންޏެއްކޮށް ފިރިންނާ އެކު އުފާވެރި ދިރިއުޅުމެއް ހޭދަކުރާ ދެ މީހުންނެވެ.
އެހެންނަމަވެސް ދެމަފިރިން އެކަކު އަނެކަކުގެ މިޒާޖު ތަފާތުވުމާ އެކު ދިރިއުޅުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކައިވެނީގެ ގުޅުމަށް ބުރޫ އަރާ ގިނަ ހާދިސާތަކެއް ފިލްމުން ބެލުންތެރިންނަށް ފެންނާނެއެވެ. ފިލްމުގެ ޓީޒާއާ އެކު ދޫކޮށްފައިވާ ހޭޝް ޓެގުގައި ބުނެފައިވަނީ ލޯތްބަކީ ގޮތްނޭނގޭ އެއްޗެއް ކަމަށާއި ނަމަވެސް އޭގެ މަސްތުގައި ގިނަ ބަޔަކު ޖެހޭ ކަމަށެވެ.