ދީނުގައި ކަންތައް ކުރަން އޮންނަ ގޮތް ނޭނގުމުގެ ސަބަބުން ރަމަޟާން މަހުގައި ބައެއްމީހުންގެ ކިބައިން ރޯދައާ ނުގުޅޭ ބައެއް ޢަމަލުތައް ފެންނަމުންދާ ތަން ފެނެއެވެ. ރޯދަ ގެއްލޭ ކަންތައްތަކާއި ރޯދައިގައި ރެދު އަޅުވާ ކަންތައްތައް ނޭނގުމުގެ ސަބަބުން ހިފާ ރޯދަ ރަނގަޅު ރޯދައަކަށްނުވެ ހިގައިދާނެއެވެ.

ރަމަޟާން މަހާ މެދު މޫނުކުނިކުރުން

މި ފަދަ މީހުން ރަމަޟާން މަސް އަންނާކަށް ބޭނުމެއް ނުވާނެއެވެ. އަތުވެއްޖެ ނަމަ އަވަހަށް ދިޔުމަށް އެދޭނެތެވެ. ރަމަޟާން މަހުގައި ދުވަސް ދިގުވެގެން ޝަކްވާކޮށް ކުސްތަޅައި ތަން ފެންނާނެއެވެ. އެ މަހުގެ މާތްކަމާއި މަތިވެރި ކަމާ މެދު ވިސްނައެއް ނުލާނެއެވެ. ރަމަޟާންމަހާ ކުރިމަތިލާނީ ވަރަށް ނުތަނަވަސް ހިތަކުންނެވެ. މި ފަދަ މީހުން ރަމަޟާން މަހުގައި ވަރަށް އަވަހަށް ރުޅި އަންނާނެތެވެ. ކުދިކުދި ކަންތައްތަކާ ހެދި ރުޅި އިސްކުރާނެތެވެ. މިއީ ރޯދައިގެ ޙިކްމަތާއި އަދަބާ ޚިލާފު ކަމެކެވެ. އެކަމަކު އަޅުގަނޑުމެންގެ ސަލަފުންނަކީ ރަމަޟާން މަސް އައުމުން އެކަމާ އުފާފުޅުވި ބައެކެވެ. އެ ބޭކަލުންނަކީ ރަމަޟާން މަހުގެ އިތުރަށް އެހެނިހެން މަސްމަހުގައި ވެސް ބައެއް ދުވަސްތަކުގައި ރޯދަފުޅު ހިއްޕެވި ބައެކެވެ. އެ ބޭކަލުންނަކީ އަހަރުގެ ހުރިހާ ދުވަހެއް ރަމަޟާން މަހަށް ވުމަށް އެދިވަޑައިގަތް ބައެކެވެ.

އެބޭކަލުން ރަމަޟާންމަސް އައުމުން އުފާފުޅު ކުރެއްވީ އެ މަހުގައި މާތް ﷲ ލައްވައިފައިވާ ހެވާއި ސަވާބު ބޮޑުކަމުންނެވެ. ﷲގެ ނިޢުމަތްތައް ގިނަކަމުންނެވެ. ﷲގެ ފުއްސެވުން އިތުރުކަމުންނެވެ.ﷲގެ ރަޙްމަތް ތަނަވަސްކަމުންނެވެ.އެ މަހުގައި މާތްﷲ ލައްވައިފައިވާ ލައިލަތުލް ޤަދްރި ވިލޭރެއާ ހެދިއެވެ. އެއީ އެއްހާސް މައްސަރަށްވުރެ ހެޔުކަން ބޮޑު ރެއެކެވެ.

މުއުމިނު އިންސާނާ ރަމަޟާންމަސް އައުމުން އުފާވަނީ އެ މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގައި ހީވާގިވުމަށް ފުރްސަތު ލިބޭތީއެވެ. އެ މަހުގެ ދުވާލު ރޯދަހިފައި ﷲގެ ދަރުބާރުގައި ހުރެވޭތީއެވެ. ކީރިތި ޤުރްއާން ކިޔަވާ ﷲއާ މުޚާޠަބު ކުރެވޭތީއެވެ.

އިސްރާފު ކުރުން

އިސްރާފު ކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔެއްގެ އާދައެކެވެ. ރަމަޟާން މަހުގައި އިސްރާފު ކުރުން އަދި މާ ބޮޑެވެ. ރަމަޟާން މަހުގައި ރޯދަ ވީއްލުމަށާޢި ހާރު ކެއުމަށްޓަކައި ހަދާ ގިނަ ބާވަތްތަކުގެ ކާބޯތަކެތި އުކައިލެވެނީ ކުނި ވަށިގަނޑަށެވެ. ރޯދަ ވީއްލުމަށް ނުވަތަ ހާރު ކެއުމަށް ތައްޔާރު ކުރާ އެއްޗެއްސަކީ އެތައް ގެއެއްގެ ބަޔަކަށް ފުދޭ މިންވަރަށް ތައްޔާރު ކުރެވޭ އެއްޗެހިތަކެކެވެ. ގޭގެ މީހުންނަށް ކައިލެވެނީ ނުވަތަ ބޮއިލެވެނީ އޭގެތެރެއިން ވަރަށް މަދު މިންވަރެކެވެ.މާތް ﷲ ވަޙީކުރެއްވިއެވެ. (( وكُلُواْ وَاشْرَبُواْ وَلاَ تُسْرِفُواْ إِنَّهُ لاَ يُحِبُّ الْمُسْرِفِينَ [1]- އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ.)) އިންސާނަކަށް ބޭނުންވާ މިންވަރަށް ވުރެ އިތުރުވާ ކޮންމެ މިންވަރަކީ އިސްރާފެވެ. އެއީ ރޯދައިގެ ވެރި ރަސްކަލާނގެ ރުހިވޮޑިގަންނަވާނެ ކަމެއް ނޫނެވެ. އިސްރާފުވެރިންނަކީ ޝައިޠާނާގެ އެކުވެރިންނެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( وَلاَ تُبَذِّرْ تَبْذِيراً إِنَّ الْمُبَذِّرِينَ كَانُواْ إِخْوَانَ الشَّيَاطِينِ وَكَانَ الشَّيْطَانُ لِرَبِّهِ كَفُوراً [2]-އަދި ގިނަގިނައިން إسراف ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، إسراف ކުރާ މީހުންނީ، شيطان ންގެ أخ ން ކަމުގައިވޫއެވެ. އަދި شيطان އާ، އޭނާގެ ވެރި ރަސްކަލާނގެއަށް ވަރަށް ބޮޑަށް كافر ވާ ކަމުގައިވިއެވެ. " އަލްޤަރްނީ ވިދާޅުވާ ގޮތުގައި ރޯދައިގެ މަޤްޞަދުތަކުގެ ތެރޭގައި މަޢިދާގައި ގުޅަޖެހިފައި ހުރި ކުނިބުނިތަކުން މަޢިދާ ސާފުކުރުން ވެއެވެ. އެހެން ކަމުން ބަނޑަށް ނުކަތާ ވަރަށް ކެއުމަކީ މި މަޤްޞަދު ޙާޞިލުކުރުމަށް އެޅޭ ހުރަހަކަށް މެނުވީ ނުވާނެއެވެ.ރަމަޟާން މަހުގައި ތަފާތު ބާވަތްބާވަތުގެ ކާބޯތަކެތި ހެދުމަކީ އެ މަސައްކަތް ކުރާ މީހުންނަށް އަޅުކަން ކުރުމަށް އެޅޭނެ ހުރަހެކެވެ. މި ކަމުގައި އަވަދިނެތި ވުމުގެ ސަބަބުން އެމީހުން ތިބޭނީ ވަރުބަލިވެފައެވެ.

ސުންނަތަށް އިހްމާލުވުން

ސަލަފުންނަކީ ސުންނަތާ އެއްގޮތަށް ހުރިހާ ކަމެއް ވެސް ކުރެއްވޭތޯ ބެއްލެވި ބަޔެކެވެ. ރޯދަ ވީއްލާ އިރު މޭޒުމަތީގައި ކަދުރާއި ފެން ހުންނަ އިރު ބައެއް މީހުން ސުންނަތަށް އިސްކަން ނުދީ ޖޫހަކުން ނުވަތަ ފޮނި އެއްޗަކުން ރޯދަ ވީއްލާތަން ފެނެއެވެ. މި ގޮތަށް ރޯދަ ވީއްލުން ހުއްދަ ކަމެއް ކަމުގައި ވިޔަސް އެއީ ސުންނަތާ ޚިލާފު ކަމެކެވެ. މިކަމުގެ ސަބަބުން ރޯދައިގެ ފުރިހަމަކަމަށް އުނިކަން ލިބޭނެތެވެ.އިމާމު އަޙްމަދާއި ތިރްމިޛީއާއި ، އަބޫ ދާވުދު ރިވާކުރައްވާ ގޮތުގައި ރަސޫލުﷲގެފާނު ރޯދަފުޅު ވީއްލަވައިފައި ވަނީ ދޮންވެ ފައްކާވެފައިވާ ކަދުރުންނެވެ. މި ބާވަތުގެ ކަދުރު ލިބިވަޑައި ނުގެންނެވި ނަމަ ދޮންވެ ފައްކާވެ ހިކިފައި ހުންނަ ކަދުރުންނެވެ. ކަނދުރު ލިބިވަޑައި ނުގެންނެވި ނަމަ ފެންފޮދަކުންނެވެ.

ސުންނަތާ ޚިލާފަށް ބައެއް މީހުންނަށް ކުރެވޭ ދެވަނަ ކަމަކީ އިރުއޮއްސުމުން ރޯދަ ވީއްލުން އަވަސް ނުކުރުމެވެ. ރަސޫލުﷲގެފާނު ޙަދީޘް ކުރައްވަނީ " ރޯދަ ވީއްލުން އަވަސް ކުރާ ނަމަ އެމީހުން އެ ތިބީ ހެޔޮ ކަން މަތީގައެވެ. " މި ބަސްފުޅުން އެނގެނީ ރޯދަ ވީއްލުން ލަސްކޮށްފި ނަމަ ހެޔޮކަން ފިލައިގެން ހިގައިދާނެތެވެ. އިރުއޮއްސި ބަންގި ގޮވުމުން ނަމާދު ކުރުމުގެ ކުރިން ރޯދަ ވީއްލަން ހަނދާން ކުރަމާތޯއެވެ؟ކީރިތި ރަސޫލާ ޢަމަލުފުޅުކުރައްވައިފައިވަނީ މި ގޮތަށެވެ.

ރިފަރެންސް:

[1] - الأعراف : 31
[2] - الإسراء : 26 -